ހުޅުފަޅައިގެން ގޮސްފައިވާ ކަޝްމީރު މައްސަލައިގައި އިންޑިއާއިން ފަހަތައް ނުޖެހޭނެ ކަމަށާއި ކަޝްމީރަކީ އިންޑިއާގެ ތަނެއް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ކަޝްމީރުގައި އިންޑިއާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ތަހުގީގު ކުރުމުގެ ފުރުސަތު ދިނުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެދުމުން، އެކަމާ ބެހޭގޮތުން އިންޑިއާގެ ސަރުކާރުން އެގައުމުގެ މައި ސިޔާސީ ޕާޓި ތަކާއެކު ބޭއްވި ބައްދަލުވުމުގައި މޯދީ ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ބާރު ގަދަކޮށްފައިވާ ކަޝްމީރުގެ ސަރަހައްދަކީ އިންޑިއާގެ ތަނެއް ކަމަށާއި އިންޑިއާއިން އެއްވެސް ކަމެއް ގުރުބާން ކުރަން ނުޖެހޭ ކަމަށެވެ.
ކަޝްމީރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ އިންޑިއާގެ ސިފައިން ވަނީ ކަޝްމީރުގަައި އިންޑިއާ ދެެކޮޅަށް މުޒާހާރާ ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ނުހައްގުން ބާރުގެ ބޭނުން ކޮށްފަ އެވެ. އިންޑިއާއިން މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފައެވެ.
ޕާޓީ މަޝްވަރާ ބައްދަލުވުުންތަކުގައި އިންޑިއާގެ ފޮރިންމިނިސްޓާ ޝުޝްމާ ސުވަރާޖު ވިދާޅުވީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލުން ޖަންމު، ކަޝްމީރަށް ދިއުމުގެ ފުރުސަތު ދިނުމަށް އެދިފައިވާ ކަމަށެވެ.
އެކަމާބެހޭ ގޮތުުން މަޝްވަރާ ބައްދަލުވުންތަކުގައި ޕާޓީ ތަކުން ބުނެފައިވަނީ ބައިނަލްއަގްވާމީ އެއްވެސް އޮގަނައިޒޭޝަނަކަށް މައްސަލަ ތަހްގީގު ކުރުމުގެ ފުރުސަތު ދޭން ނުފެންނަ ކަމަށާއި އިންޑިއާއިން ހިންގި ކަމެއްގެ މައްސަލަ ތަހްގީގު ކުރާނީ އިންޑިއާއިން ކަމަށެވެ.
މަޝްވާރާ ތަކުގައި މޯދީ ވަނީ ޕާކިސްތާނަށް ގިނަ ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ޕާކިސްތާނުން އެ ގައުމުގެ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުން ގެންދާ ކަމަށެވެ.
މޯދީގެ ވާހަކަތައް އިތުރަށް ތަފްސީލުކޮށް ދެމުން ޕަޓީ މަޝްވަރާތަކަށް ފަހު އިންޑިއާގެ ހޯމް މިނިސްޓާ ރަޖްނަތު ސިންހް އާއި ފިނޭންސް މިނިސްޓާ އަރުން ޖައިތޭލީ ވިދާޅުވީ މޯދީ އެހެން ވިދާޅުވީ ޕާކިސްތާންގެ ބޮލޮޗިސްތާންގެ ހޮސްޕިޓަލަކަށް މިދިޔަ ހަފުތާގައި ދިން ހަމަލާ ތަކަށް އިޝްރާތް ކޮށްފައި ކަމަށެވެ.
"ޕާކިސްތާނުން ހަނދާން ނެތުނީ ކަންނޭގެ. އެގައުމުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދޭކަން. ބޮލޮޗިސްތާނާއި ކަޝްމީރުގައި ޕާކިސްތާނުން ފަހަތުގައި ތިބެ ދެމުންދާ ހަމަލާތަކުގެ ތަފްސީލު ދުނިޔެއަށް ހާމަކޮށްދޭންވީ ވަގުތު ޖެހިއްޖެ" މަޝްވަރާ ބައްދަލުވުންތަކުގައި މޯދީ ވިދާޅުވިއެވެ.
އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލަށް މައްސަލަ ހުށަހެޅީ ޕާކިސްތާނުންނެވެ. އަދި ޕާކިސްތާންގެ ބޮޑުވަޒިރު ނަވާޒު ޝަރީފް ވަނީ އދ. ގެ ހިއުމަން ރައިޓްސް އެމެބަސެޑާ ޒައިދު ރަދް އަލް ހުސައިންއަށް ފޮނުއްވި ސިޓީއެއްގައި އިންޑިއާއިން ކަޝްމީރުގެ ރައްޔިތުނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ތަހްގީގު ކުރުމަށް އެދިވަޑައިގެންފަ އެވެ.
ކަޝްމީރުގައި އިންޑިއާ ދެކޮޅަށް ހަރަކާތްތައް ފެށުނީ ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޒުވާން ލީޑަރަކު އިންޑިއާގެ އަސްކަރިއްޔާއިން މަރާލުމުންނެވެ.
ބިމު އަޑިން ނަގާ މައުދަންތަކުގެ މުއްސަނދިކަން ލިބިފައިވާ ކަޝްމީރުގެ މިލުކުވެރި ކަމާމެދު ޕާކިސްތަނާއި އިންޑިއާއިންވެސް ދައުވާ ކުރެއެވެ.