ރާއްޖެ ކުޅިވަރު

ނިއުގެ ކެޕްޓަނަކަށް އަޑުބަރޭ

ނިއު ރޭޑިއަންޓްގެ ކެޕްޓަނަކަށް މި ސީޒަންގައި އެ ޓީމާ ގުޅުުނު ގައުމީ ޓީމުގެ ފޯވަޑް އައްސަދު އަލީ (އަޑުބަރޭ) ހަމަޖައްސައިފި އެވެ.

ނިއު އިން ބުނީ އަޑުބަރޭ ކެޕްޓަނަކަށް ހަމަޖެއްސިއިރު، އެ ޓީމުގެ ވައިސް ކެޕްޓަންކަން ދީފައިވަނީ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ)އަށެވެ.

މިދިޔަ ސީޒަންގައި މާޒިޔާ އަށް ކުޅުނު އަޑުބަރޭ މި ސީޒަންގައި ނިއު އަށް ބަދަލުވެ، ޕީޕަލްސް ކަޕްގެ އެއް މެޗުގައި އެ ޓީމަށް ކުޅުނެވެ. ކުރިން ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީ އަދި ބީޖީ ސްޕޯޓްސް އަށް ކުޅުނު އަޑުބަރޭ ޕީޕަލްސް ކަޕްގެ ފުރަތަމަ މެޗުގައި ނިއު އަށް ކުޅުނު ނަމަވެސް، އެ މުބާރާތުގައި ނިއު ދެން ކުޅުނު ދެ މެޗުގައި އޭނާ ނުފެނުނީ އަމިއްލަ ސަބަބަކާ ހުރެ ރާއްޖޭން ބޭރަށް ދިއުމުންނެވެ.

މި ސީޒަންގައި ނިއުގެ ކެޕްޓަނަކަށް އެންމެ ފުރަތަމަ ހަމަޖެއްސީ މުހައްމަދު އުމެއިރެވެ. އެކަަމަކު ޕީޕަލްސް ކަޕަށް ފަހު ނިއު އިން ވަނީ އުމެއިރު ދޫކޮށްލައިފަ އެވެ. ނިއު އިން ދޫކޮށްލުމުން އުމެއިރު ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.

ނިއު އިން އަޑޭ ކެޕްޓަނަކަށް މި ހަމަޖެއްސީ މި ސީޒަންގެ އޭއެފްސީ ކަޕްގެ ފުރަތަމަ މެޗަށް އެ ޓީމު ތައްޔާރުވަމުން ދަނިކޮށެވެ. މި ސީޒަންގެ އޭއެފްސީ ކަޕްގައި ނިއު އިން ކުޅޭ ފުރަަތަމަ މެޗުގައި ބުދަ ދުވަހު ރަށުް ބޭރުގައި ނުކުންނާނީ އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގްއާ ދެކޮޅަށެވެ.