ބޮލީވުޑް

އަރްޖުން އާއެކު ފިލްމު ކުޅެން ސޮނާކްޝީ ބޭނުންނުވަނީ؟

Aug 14, 2016

މިދިޔަ އަހަރުގެ ކުރީކޮޅު ނިކުތް ފިލްމު "ތޭވަރް" ގެ ޝޫޓިން ތެރޭގައި ބަތަލާ ސޮނާކްޝީ ސިންހާ އާއި އެކްޓަރު އަރްޖުން ކަޕޫރު ދެމެދުގައި ގާތްގުޅުމެއް އުފެދި، މިދެތަރިން ލޯބީގެ ގޮތުން ގުޅުނު ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

އެފިލްމުގެ ޝޫޓިން ނިމުނުތަނާހެން މިދެތަރިން ރުޅިވެފައިވާ ކަމަށްވާއިރު، އޭގެފަހުން އަރްޖުން އާއި ސޮނާކްޝީ އެކަކު އަނެކަކާ ވާހަކަނުދައްކާ ކަމަށްވެ އެވެ. އަދި ބޮލީވުޑްގެ އެކި ހަފްލާތަކުގައި ވެސް މިދެތަރިން އެކަކު އަނެކަކާ ދުރުން އުޅޭކަން ފާހަގަވެފައިވާ ކަމުގެ ވާހަކަތައް ވަނީ ދެކެވިގެން ގޮސްފަ އެވެ.

ނަމަވެސް ދެން އަރްޖުން ލީޑްރީލުން ފެނިގެންދާ ފިލްމު "މުބާރަކަން" ގެ ބަތަލާގެ ރޯލު ސޮނާކްޝީ އަށް ހުށަހެޅި ނަމަވެސް މިފިލްމުގައި އަރްޖުން އުޅޭތީ އޭނާ އެފިލްމު ނުކުޅެ ދޫކޮށްލާފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހު ނިކުތް "އަކީރާ" ގައި ލީޑްރޯލުން ފެނިގެންދާ ސޮނާކްޝީ މިހާރު އަންނަނީ އޭނާ ނޫސްވެރިއެއްގެ ރޯލު ކުޅޭ "ނޫރް" ގެ މަންޒަރުތައް ނަގަމުންނެވެ.

އަރްޖުން އާއެކު ފިލްމެއް ކުޅެން ބޭނުންނޫން ކަމަށް ބުނެ ސޮނާކްޝީ "މުބާރަކަން" ދޫކޮށްލާފައިވާ ކަމަށްވާއިރު، އޭނާގެ ގާތްފަރާތްތަކުން ވަނީ އެކަން ދޮގުކޮށްފަ އެވެ. މިފިލްމު ސޮނާކްޝީ ދޫކޮށްލި ސަބަބެއް ކަމަށް އެފަރާތުން ބުނެފައިވާ ފިލްމުގައި ކުޅެން ޖެހޭ ރޯލު ކުޑަވުން ކަމަށެވެ. އޭނާ ވަނީ ސޮނާކްޝީ މިހާރު ބޭނުންވަނީ ވީހާވެސް ޗެލެންޖިން ރޯލުތައް ކުޅެން ކަމަށް ބުނެފަ އެވެ.

ސޮނާކްޝީ މިފިލްމުގެ ބަތަލާގެ ރޯލު ދޫކޮށްލާފައިވާއިރު، އޭނާ ވަނީ "ދަބަންގް 3" ގެ ބަތަލާގެ ރޯލަށް ހަމަޖައްސާފަ އެވެ.

"މުބާރަކަން" ގައި އަރްޖުންގެ ބޮޑުބޭބެގެ ރޯލުން އަސްލު ބޮޑުބޭބެ އަނިލް ކަޕޫރު ފެނިގެންދާނެ އެވެ.