ދުނިޔެ

ގްލެން ހައްޔަރު ކޮށްދޭން ތުރުކީން އަނެއްކާވެސް އެދެފި

Aug 14, 2016

މިދިޔަ މަހު 15 ވަނަ ދުވަހުގެ ރޭ ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވި ކަމަށް ތުހުމަތުކޮށްފައިވާ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގްލެން ހައްޔަރު ކޮށްދިނުމަށް ތުރުކީގެ ޕްރޮސިކިޔުޓާ ޖެނަރަލް އެމެރިކާގެ ކިބައިން އަނެއްކާ ވެސް އެދިއްޖެ އެވެ.

އެމެރިކާއާ ގުޅުން އޮންނަ ނުފޫޒު ގަދަ ވިޔަފާރިވެރިޔާ، ގްލެން ދިރިއުޅެނީ އެމެރިކާގަ އެވެ.

އިއްޔަ ތުރުކީގެ އިސްތަންބޫލްގެ އެންމެ އިސް ޕަބްލިކް ޕްރޮސިކުޓާގެ އޮފީހުން ރަސްމީކޮށް އެމެރިކާއަށް ހުށަހަޅައިފައިވަނީ މިދިއަ ޖުލައި މަހު ގެންނަން އުޅުނު ބަޣާވާތުގެ ތުހުމަތުތައް ކުރެވޭތީ އެމައްސަލަ ތަހްގީގު ކުރުމަށް ގްލެން ހައްޔަރު ކޮށްދިނުމަށް އެދޭ ކަމަށެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓްރީން ވަނީ 10 މައްސލައެއްގެ ދައުވާ ގްލެންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް އެމެރިކާއަށް އަންގާފަ އެވެ.

މިދިޔަ ހަފުތާގައި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވީ އެމެރިކާއިން ކޮންމެވެސް އެއްކޮޅެއް އިހްތިޔާރު ކުރަންޖެހޭ ކަމަށާއި އެއީ ތުރުކީ ނުވަތަ ގްލެން ކަމަށެވެ.