ކުނި މެނޭޖް ކުރުން

ކެޕްސްގެ ނަމުގައި ވެމްކޯއިން މާލޭގެ ގޭގެއިން ކުނި އުކައިދޭން ފަށައިފި

މާލޭގެ ގޭގެގެއަށް ޖަމަވާ ބޮޑެތި ކުނި ހެޔޮ އަގުގައި ކުނި އުކާލައި ދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދޭން ނިންމާފައިވާ ހިދުމަތް، ކޯލް އެންޑް ޕިކަޕް ސާވިސް (ކެޕްސް) މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ކެޕްސްގެ ހިދުމަތް ހޯދުމަށް ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފައިވާއިރު މިއަދުން ފެށިގެން މާލޭގެ ހުރިހާ ގޭ ބިސީއަކަށް ހިދުމަތް ދޭނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.

މި ހިދުމަތަށް ގާއިމްކޮށްފައިވާ ހޮޓް ލައިން ނަމްބަރަކީ 1666 އެވެ. ކުނި އުކާލައިދޭ މި ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެވެސް މެންދުރު 2:00 އިން ފެށިގެން ރޭގަނޑުގެ 10:00 ޖެހުމާ ހަމައަށެވެ.

ވެމްކޯ އިން ބުނީ މި ހިދުމަތް މާލާގައި ދިނުމަށް މި ވަގުތަށް ބޭނުންކުރަނީ އެންމެ ދެ ޕިކަޕް ނަމަވެސް ކޮންމެ ދުވަހަކު ވެސް އެދުވަހަކު ކުނި އުކާލުމަށް ކިއުގައި ޖެހޭ ހުރިހާ ފަރާތްތަކަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ބޭނުންވާނަމަ އަނެއް ދުވަހަށް ލަސްކޮށް ވެސް ދޭނެ ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފުއާދު މިއަދު ވިދާޅުވީ އާންމުންގެ ފަރާތުން ލިބޭ ތަރުހީބަށް ބެލުމަށްފަހު މި ހިދުމަތް އިތުރަށް ފުޅާކޮށް 24 ގަޑއިރަށް ބަދަލުކުރާނެ ކަމަށެވެ. އަދި އާންމުކޮށް އަމިއްލަ ފަރާތްތަކުން ކުނި އުކާލައިދޭ އަގަށްވުރެ ވެމްކޯއިން ކުނި އުކާލަދޭ މި ހިދުމަތުގެ އަގު ގާތްގަނޑަކަށް 30 ޕަސަންޓު ހެޔޮ ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ހިދުމަތް ދޭން ކަނޑައަޅާފައި މިވަ ވަގުތަކީ އެންމެ ޕީކް ގަޑި. ތަރުހީބަށް ބަލާފައި އިތުރު ވަގުތު ފުޅާ ކުރާނަން،" ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގޭގައި ހުންނަ އާދައިގެ ކުނި އުކާލައިދޭން ފަށާނީ ފަހުން ކަމަށެވެ.

ކުނި އުކާލަދޭން ވެމްކޯއިން މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ 350 ކިލޯގެ ޕިކަޕްގައި ނަމަ 250ރ. އެވެ. އަދި 1.5 ޓަނުގެ ޕިކަޕުގައި ނަމަ އަގަކީ 550ރ. އެވެ. ވެމްކޯ އިން ބުނީ މި އަގުތަކަކީ ޖީއެސްޓީ އާއި ޓްރާންސްފާ ފީ އަދި ގޭޓް ފީ އާ އެކު ކަނޑައަޅާފައިވާ އަގުތަކެއް ކަމަށެވެ.