އޭއެފްސީ ކަޕްގެ ގުރޫޕް އީގައި ކުޅެންޖެހޭ ފުރަތަމަ މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކުރުމަށް، އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިއަދު އިންޑިއާ އަށް ފުރައިފި އެވެ.
ގުރޫޕް އީގައި މާޒިޔާ އާއި އިންޑިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބެންގަލޫރު ކުޅޭ މެޗު އޮތީ އަންގާރަ ދުވަހު އެވެ.
މާޒިޔާ މުބާރާތުގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވީ މުބާރާތުގެ ޕްލޭއޮފްގައި މިދިޔަ އަންގާރަ ދުވަހު ފިލިޕީންސްގެ ޗެރަސް އަތުން 1-0 އިން މޮޅުވެގެންނެވެ.
ދެހާސް ތޭރަ ވަނަ އަހަރު އުފެދުނު ބެންގަލޫރު އެފްސީ އަކީ މި ވަގުތު އިންޑިއާގައި އޮތް އެންމެ ވަރުގަދަ އެއް ކްލަބެވެ. އެ ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި ގައުމީ ޓީމުގެ ފޯވަޑް ރޮބިން ސިންގާއި އޮސްޓްރޭލިއާގެ ފޯވަޑް ޝޯން ރޫނީ ހިމެނެ އެވެ.
ގުރޫޕް އީގައި މާޒިޔާ އާއި ބެންގަލޫރާއެކު ދެން އޮތީ އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އާއި ސިންގަޕޫރުގެ ވޯރިއާސް އެވެ.
ދިވެހި ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ވެސް އޭއެފްސީ ކަޕްގައި ކުޅެންޖެހޭ ފުރަތަމަ މެޗު ވެސް އޮތީ ރަށުން ބޭރުގަ އެވެ. ނިއު މުބާރާުތުގައި ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ އިންޑޮނޭޝިއާގެ ލީގު ޗެމްޕިއަން ޕެރްސިބް ބަންޑުންގްއާ ދެކޮޅަށެވެ. މި ގުރޫޕްގައި ދެން އޮތީ ލާއޮސްގެ ލާއޯ އެފްސީ އާއި މިޔަންމާގެ އަޔެވާދީ ޔުނައިޓެޑެވެ.