ދުނިޔެ

އިންޑިއާގެ މިނިވަން ދުވަހު މޯދީގެ ބަހުގެ ހަމަލާތައް ޕާކިސްތާނަށް

Aug 15, 2016

ނިއު ދިއްލި (15 އޯގަސްޓް) - މިއަދު އިންޑިއާގައި ފާހަގަ ކުރަމުންދާ އެ ގައުމުގެ 70 ވަނަ މިނިވަން ދުވަހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަހުގެ ހަމަލާތަކެއް ޕާކިސްތަނަށް އަމާޒު ކުރައްވައިފިއެވެ.

މޯދީ ވަނީ ޕާކިސްތާނަކީ "ޓެރަރިސްޓް ސަޕޯޓަރެއް" ކަމަށް ތުހުމަތު ކުރައްވާފައެވެ.

"މީ ކޮން ކަހަލަ ދިރިއުޅުމެއް. ޓެރަރިސްޓުންނަށް ހިތްހަމަޖެހޭ ގޮތަށް ކަންތައް ހިނގަނީ. އެ ސަރުކަރުގެ ނިޒާމް އޮތީ ކިހިނެތް؟ ޓެރަރިސްޓުން ހިތްހަމަޖެހޭނެ ގޮތަށް އޮތީ" ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ސަރުކާރަށް ދެއްވި ބަހުގެ ހަމަލާގައި މޯދީ ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ "ދުނިޔެ އަށް އެކަމުގެ ހަގީގަތް ކުރިއަށް އޮތް ތަނުގައި އެނގޭނެ" ކަމަށެވެ.

އަދި ޕާކިސްތާންގެ ބަލޫޗިސްތާން ޕްރޮވިންސްގެ ރައްޔިތުންނާއި ގިލްޖިޓްގެ ރައްޔިތުންނާއި "ޕާކިސްތާންގެ ނުފޫޒު އޮންނަ" ކަޝްމީރުގެ ސަރަހައްދުގެ ރައްިތުންވެސް އޭނާއަށް ވޭތުވެދިޔަ ދުވަސްތަކުގައި ޝުކުރު އަދާކޮށްފައިވަ ކަމަށެވެ.

މޯދީ އެ އެއިޝާރާތް ކުރެއްވީ މިދިޔަ ހަފުތާގައި އޭނާ ދައްކަވަފައިވާ ވާހަކަތަކުގެ މައްޗަށެވެ. މިދިޔަ ހަފުތަގައި މޯދީ ވިދަޅުވެފައިވަނީ ޕަކިސްތާންގެ ބަލޫޗިސްތާންގެ ހޮސްޕިޓަލަަށް ދިން ބޮމުގެ ހަމަލާ ދޭން އުޅޭކަން ޕާކިސްތާންގެ ސަރުކާރަށް އެނގޭ ކަމަށެވެ.

މޯދީ ވިދާޅުވީ ޕާކިސްތާންގެ ޕިޝާވަރަށް 2010 ވަނަ އަހަރު ދިން ހަމަލަގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވުމުން "އިންޑިއާއިން ދެރަވި" ކަމަށާއި، އިންޑިއާގެ ސްކޫލްތަކުގެ ކުޑަކުދިން އެހިތާމައިގައި ބައިވެރިވި ކަމަށެވެ.

"މީ އަހަރެމެންގެ ނޭޗާ. އަހަރެމެން އެކަމަ ދެރަވި. އެކަމަކު އަނެއް ފަރަތަށް ވިސްނައިފިއްޔާ އެމީހުން (ޕާކިސްތަނުން) ޓެރަރިސްޓުން ހިތްހަމަޖައްސައިދެނީ" މޯދީ ތުހުމަތު ކުރެއްވިއެވެ.

މޯދީ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަ ކަވަރު ކުރި ޕާކިސްތންގެ މީޑިއާ ތަކުން އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ކަޝްމީރުގެ ހަމަނުޖެހުންތައް ހުޅުފަޅައިގެން ގޮސްފައިވައިރު މޯދީގެ މުޅި ވާހަކަ ޕާކިސްތާނަށް އަމާޒު ކުރެއްވީ "ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާއިން ދެމުންގެންދާ ހަމަލާތަކަށް ފަސް އަޅައި ފޮރުވުމަށް" ކަމަށެވެ.