ރާއްޖެ ކުޅިވަރު

ދަގަނޑޭގެ ދެ ލަނޑާއެކު ޕީޑީއާރްއެމް އަށް ތަފާތު ބޮޑު މޮޅެއް

މި ސީޒަންގެ މެލޭޝިއާ ސުޕަ ލީގުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ފުރަަަތަމަ ދެ ލަނޑާއެކު، ރަށުން ބޭރުގައި މިރޭ ކެލަންޓަން އަތުން 4-0 އިން ޕީޑީއާރްއެމް މޮޅުވެއްޖެ އެވެ.

ކެލަންޓަންގެ ދަނޑުގައި ކުޅުުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އެ ޓީމަށް ލީޑު ހޯދައިދިނީ ދަގަނޑޭ އެވެ.

މެޗުގެ 54 ވަނަ މިނިޓުގައި ޕީޑީއާރްއެމް އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ މާލީގެ ފޯވަޑް ޑްރަމާނޭ ޓްރައޯރޭ އެވެ.

ޕީޑީއާރްއެމްގެ ތިން ވަނަ ލަނޑު 72 ވަނަ މިނިޓުގައި ޖެހީ ދަގަނޑޭ އެވެ. އަދި ހަތަރު ވަނަ ލަނޑު 86 ވަނަ މިނިޓުގައި ޖެހީ ގެމްބިއާގެ މިޑްފީލްޑަރު މުހައްމަދޫ ސުމަރޭ އެވެ.

މެލޭޝިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ލިބުނު ދެވަނަ މޮޅާއެކު، ޕީޑީއާރްއެމް ވަނީ ހަ ޕޮއިންޓާއެކު ތާވަލްގެ ދެވަނަ އަށް ޖެހިލައިފަ އެވެ. 

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސިންގަލޯ ލަޔަނަސް އަތުން ރަށުން ބޭރުގައި ޕީޑީއާރްއެމް ބަލިވީ 5-3 އިންނެވެ. ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޖޮހޯރު އަތުން ޕީޑީއާރްއެމް ވަނީ 1-0 އިން މޮޅުވެފަ އެވެ.