ބޮލީވުޑް

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގެ ލީޑްތަރިއަކީ ޓައިގާ

Aug 16, 2016

ޑައިރެކްޓަރު ކަރަން ޖޯހަރު 2012 ވަނަ އަހަރު އުފެއްދި ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ދެވަނަ ބައި އުފައްދަން ނިންމައި، އެފިލްމުގެ ލީޑްތަރިއެއްގެ ގޮތުގައި ފެނިގެންދާނީ އަރަމުން އަންނަ ޒުވާން ތަރި ޓައިގާ ޝްރޮފް ކަން މިވަނީ އިއުލާންކޮށްފަ އެވެ.

ކަރަން ކުރި ޓްވީޓެއްގައި ވަނީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ޑައިރެކްޓްކުރާނީ ޕުނީތް މަލްހޯތުރާ ކަމަށާއި އެފިލްމުގެ ލީޑްތަރިއަކީ ޓައިގާ ކަމަށް ބުނެފަ އެވެ.

ޕުނިތް މީގެކުރިން ވަނީ "އައި ހޭޓް ލަވް ސްޓޯރީ" އާއި "ގޯރޯ ތެރެ ޕިޔާރްމޭ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފަ އެވެ.

ޓައިގާ އަކީ މިފިލްމުގެ ލީޑްތަރިކަން ކަރަން އިއުލާންކުރުމާއެކު މިފިލްމުގެ ފުރަތަމަ ބައިގެ ތިން ލީޑްތަރިން ކަމަށްވާ ވަރުން ދަވަން އާއި ސިދާތް މަލްހޯތުރާ އަދި އާލިއާ ބަޓް ވަނީ ޓައިގާ އަށް މަރުހަބާ ކިޔާފަ އެވެ.

މިތިން ތަރިންގެ އިތުރުން ބޮލީވުޑްގެ ބައެއް އެހެން ތަރިންވެސް ޓައިގާއަށް މަރުހަބާ ކިޔަމުން އަންނައިރު، ޓައިގާ ވެސް ވަނީ އޭނާ ޑާންސްކުރަނިކޮށް ނަގާފައިވާ ވީޑިއޯއަކާ އެކު ކުރި ޓްވީޓެއްގައި މިފިލްމަށް އޭނާ ތައްޔާރުވެފައިވާ ކަމަށް ލިޔެފަ އެވެ.

ދެހާސް ސާދަވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފުވި ޓައިގާގެ ދެފިލްމެއް މިހާތަނަށް ރިލީޒްވެފައިވާއިރު، އެދެފިލްމަށްވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އޭނާގެ ތިންވަނަ ފިލްމު، "އަ ފްލައިން ޖެޓް" މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާނެ އެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ" އެކޭ އެއްގޮތަށް މިފިލްމުގައި ދެބަތަލުންނާއި ބަތަލާއެއް ފެނިގެންދާނެކަން އަދި ޔަގީނެއް ނޫނެވެ. މީގެކުރިން މިފިލްމުން ބޮލީވުޑަށް ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ ޚާން އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ތައާރަފުވާނެ ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފަ އެވެ.

ޓައިގާ އާއެކު މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ތަރިން ކުރިއަށް ދުވަސްތަކުގައި އެނގިގެންދާނެ އެވެ.

މިސިލްސިލާގެ ފުރަތަމަ ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ދަރްމާ ޕްރޮޑަކްޝަން އާއި ޝާހްރުކް ޚާންގެ ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓް ގުޅިގެންނެވެ. ނަމަވެސް ދެވަނަ ބައި ޕްރޮޑިއުސްކުރުމަށް ހަމަޖެހިފައިވަނީ ކަރަން ޖޯހަރު އެކަނި ކަމަށްވެ އެވެ.