ދުނިޔެ

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އާއި ރަޝިޔާ އެއްގަލަކަށް

Aug 16, 2016

ސީރިޔާގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ދާދި ފަހުން ހޯދި ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އާއި ރަޝިޔާ ގުޅިގެން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓަރު ޝާޖީ ޝޮއިގޫއާ ހަވާލާދީ ރަޝިޔާގެ ނިއުސް އެޖެންސީއެއް ބުނެފިއެވެ.

ފާއިތުވެ ދިޔަ ހަފުތާ ތަކުގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރަމަ ކުރަމުންދާ އިދިކޮޅު ހަނގުރާމަވެރިން ވަނީ ހަލަބުގެ ބޮޑު ސަރހައްދެއްގެ ކޮންޓްރޯލް ހޯދާފައެވެ.

ހަލަބުގެ އިދިކޮޅު ހަނގުރަމަވެރިންނާ ދެކޮޅަށް ހަމަލާތައް ދިނުމަށް "އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އަހަރެމެންގެ މަސައްކަތް ވަރަށް ހަލުވިކޮށް އެބަ ކުރިއަށް ގެންދަން" ޝޮއިގޫ ވިދާޅުވި ކަމަށް ރަޝިޔާގެ ސަރުކާރުގެ ނިއުސް އެޖެންސީ 'ރިއާ' އިން ރިޕޯޓްކޮށްފައިވެއެވެ.

ޝޮއިގޫގެ ބަސް މަގު މިގޮތަށް ހުރުމުން ގިނަ ބަޔަކަށް އެކަން ހައިރާން ކަމަކަށް ވެގެންދާނެއެވެ. އެއީ ސީރިޔާގެގެ މައްސަލައިގައި ރަޝީޔާއާއި އެމެރިކާގެ ވިސްނުން ތަފާތު ވުމުންނެވެ.

"އެ ޕްލޭންއާ ކައިރިއަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަންނަނީ ކައިރިވަމުން. އެއީ ހަމައެކަނި ހަލަބުގައި. ބޭނުމަކީ ދެ ގައުމު އެކުގައި ހަނގުރާމަ ކޮށް ސުލްހަ ގައިމު ކުރުން" ޝޮއިގޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަލަބުގައި ހަތް ލައްކައަށް ވުރެ ގިނަ މީހުން އަދިވެސް ދިރިއުޅެމުންދާ ކަމަށެވެ. އޭގެ ތެރެއިން އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ހަލަބުގައި ހަރަކާތްތެރިވާ "ހަނގުރަމަވެރި ގޫރޫޕް ތަކުގެ ރަހީނުންނަށް ވެފައި" ކަމަށް ޝޮއިގޫ ވިދާޅުވިއެވެ.

ރަޝިޔަގެ ހަރީޖީ ވަޒީރު ވިދާޅުވީ ސީރިޔާގެ ހަނގުރަމަވެރި ގުރުޕްތަކުން، ވަގުތީ ގޮތުން ހަމަލާ ދިނުން ހުއްޓާލުމަށް ހުށަހަޅައިފައިވާ ކަމަށެވެ. އޭނާ ބުނީ ސުލްހައިގެ އެއްބަސްވުން ހުށަހަޅަނީ ހަނގުރާމަ ވެރި ގުރޫޕް ތަކުން ހަލަބުގެ އެކި ސަރަހައްދުތަކުގައި އެތުރުމަށް ކަމަށެވެ.

ހާރިޖީ ވަޒީރުގެ ނައިބު މިކައިލް ބަގްދަނޯވް ވިދާޅުވީ އީރާނާއި ސައުދީ އަރަބިއްޔާއާއި ތުރުކީން، ސިރިޔާގެ މަސްރަހު ފިނި ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.

"އެ ގައުމު ތަކުން އެއް މޭޒެއްގެ ދަށަށް އަންނަން އެބަޖެހޭ ސީރިޔާގެ މަސްރަހައް ސުލްހަ ގެނައުމަށްޓަކައި" ބަގްދަނޯވް ވިދާޅުވިއެވެ.

ސީރިޔާގެ މައްސަލައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން މިއަދު ގަތަރުގެ ވެރިރަށް ދޯހަގައި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.