ހަބަރު

ދިވެހި ރެޑް ކްރެސެންޓާއެކު އިންސާނިއްޔަތަށް ހިދުމަތްކުރަން ދިރާގުން އަތުގުޅާލައިފި

Aug 16, 2016

ދިވެހި ރެޑް ކްރެސެންޓުގެ ކޯޕޮރޭޓް މެމްބަރެއްގެ ގޮތުގައި ބައިވެރިވެ އިންސާނިއްޔަތަށްޓަކައި ފޯރުކޮށްދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ދިރާގުން މިއަދު އަތުގުޅާލައިފި އެވެ. އެއް އަހަރުދުވަހުގެ މުއްދަތަށް ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ބައިވެރިވެ ދިރާގުން ވަނީ މެމްބަރޝިޕް ފީގެ ގޮތުގައި ބައިލައްކަ ރުފިޔާ ރެޑް ކްރެސެންޓަށް ހަދިޔާކޮށްފަ އެވެ.

ކޯޕަރޭޓް މެމްބަޝިޕްގައި ސޮއިކުރުމަށްޓަކައި މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިސަބެލް ހަޖްރީ ވިދާޅުވިގޮތުގައި ދިވެހި ރެޑް ކްރެސެންޓަކީ އިންސާނިއްޔަތަށްޓަކައި ރާއްޖޭގައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާއަތަށް ވެފައި، އެ ފަރާތާއެކު ދިރާގުން އަތާއަތް ގުޅާލައިގެން މަސައްކަތްކުރަން ލިބުމަކީ ނުހަނު އުފާކުރައްވާ ކަމަށެވެ. އަދި ދިރާގުން ރެޑް ކްރެސެންޓް ގެ ކޯޕަރޭޓް މެމްބަރު އަކަށް ވުމަށް ނިންމާފައިވަނީ ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ ދަށުންނެވެ. އަދި ރެޑް ކްރެސެންޓުން ދިރާގަށް ދެއްވި މި ފުރުސަތަށް ޝުކުރު އަދާ ކުރައްވަމުން އިސަބެލް ވިދާޅުވީ ކުރިއަށް އޮތްތާގައި ވެސް ރެޑް ކްރެސެންޓުން އިންސާނިއްޔަތަށް ކުރައްވާ އަގުހުރި މަސައްކަތަށް ދިރާގުން އެއްބާރުލުން ދެއްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވަނީ ރެޑް ކްރެސެންޓްގެ ކޯޕަރޭޓް މެމްބަރަކަށް ވުމަށް ދިރާގުން އިސްނެގިކަމަށްޓަކައި ޝުކުރު އަދާކޮށް ކުރިޔަށް އޮތްތާނގައި އިތުރު ހިދުމަތްތަކާއި އެކު ދެ ފަރާތުގެ ގުޅުން ވަރުގަދަ ވާނެކަމަށް އުއްމީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ދިރާގަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ހިދުމަތްކުރުމުގައި ބައިވެރިވުމަށް އެހެން ކުންފުނިތަކަށް ނަމޫނާއަކަށް ވާނެކަމުގައި ވެސް އަލީ ނާޝިދު ވިދާޅުވި އެވެ.

ދިރާގުން ބުނީ ދިރާގުން މިއަދު ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ފުރަތަމަ ބިންގަލެއް ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕަކީ ކާރިސާގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. ދަރުމަވެރިންގެ ގޮތުގައި 2،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގެ 20 ރަށެއްގައި ދިވެހި ރެޑް ކްރެސެންޓުން މައިގަނޑު 3 ދާއިރާއަކުން ހިދުމަތް ފޯރުކޮށްދެ އެވެ. އެއީ ސިއްހަތާ ދުޅަހެޅޮކަން އިތުރުކުރުމާ، ކާރިޘާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާ، ޒުވާނުންގެ ގާބިލްކަން އިތުރުކޮށް ބާރުވެރިކުރުމުގެ ދާއިރާއިންނެވެ.