ބޮލީވުޑް

ބޮލީވުޑްގެ އާ ޖޯޑަކީ ކެޓްރީނާ އާއި އަދިތްޔަ!

Aug 17, 2016
1

ބޮލީވުޑްގައި ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް ދެތަރިއެއްގެ ލޯބި ނިމުމަކަށް އައިސް އެހެން ދެތަރިއެއް ލޯބީގެ ގޮތުން ގުޅުނު ވާހަކަ އިވޭ ތަނެކެވެ.

މަޝްހޫރުތަރިންގެ ފިލްމުތަކަށް ވުރެން އެމީހުންގެ ޒާތީ ކަންތައްތައް އެނގުމުގެ ޝައުގު އާންމުންގެ ބޮޑުއިރު، އެފަދަ ތަރިންގެ އެންމެ ޕާސަނަލް ވާހަކަތައްވެސް މީޑިއާގައި ތިލާވާނެ އިރެއްގެ އިންތިޒާރުގައި ތިބޭ މީހުން މަދެއްނޫނެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑުގެ ގޮތުގައި ތިބި ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް އެދެމީހުންގެ ހައަހަރުވީ ލޯބީގެ ގުޅުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލާފައިވާއިރު، ރަންބީރާ ވަކިވެ ކެޓްރީނާ ހިތްހަލާކުވެފައިވާ ވާހަކައަކީ އެންމެންނަށް އިނގޭ ވާހަކަ އެވެ. ރަންބީރާއި ކެޓްރީނާ ރުޅިވިތާ އަށްވަރަކަށް މަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ބޮލީވުޑްގެ އެހެން އެކްޓަރަކާ ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް މިވަނީ އަރާފަ އެވެ.

ކެޓްރީނާ އާއި ރަންބީރު ރުޅިވި ދުވަސްކޮޅަކީ، އޭނާ އެކްޓަރު އަދިތްޔަ ރޯއި ކަޕޫރާއެކު ކުޅުނު ފިލްމު "ފިތޫރް" ގެ ޕްރޮމޯޝަން މަސައްކަތްތަށް ވެސް ކުރިއަށް ދިޔަ ދުވަސްކޮޅަށް ވެފައި މިދެތަރިން ވަނީ މިފިލްމު ޕްރޮމޯޓްކުރުމުގެ ގިނަ އިވެންޓްތަކުގައި އެކުގައި ހަރަކާތްތެރިވެފަ އެވެ.

ބުނެވޭ ގޮތުގައި ރަންބީރާއި ރުޅިވެ ހަލާކުވެފައިވާ ކެޓްރީނާ ހިތުގައި ބޭސްއަޅައިދީ އޭނާއަށް އެކުވެރިއެއްގެ އެހީތެރިކަން އެންމެ ބޭނުންވި ދަނޑިވަޅުގައި އޭނާގެ ކައިރީގައި ހުރި މީހަކީ އަދިތްޔާ އެވެ. އަދި އަދިތްޔަ އަކީ ރަންބީރުގެ ގާތް އެކުވެރިއަކަށްވެފައި، ކެޓްރީނާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރުވެސް އަދިތްޔަ އަކީ ކެޓްރީނާ ގާތްއެކުވެރިއެކެވެ.

ނަމަވެސް "ފިތޫރް" ގެ ޝޫޓިންގެ ތެރެއިންނާއި އޭގެފަހުން ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކުގެ ތެރެއިން މިދެތަރިން އެކުގައި ގިނަވަގުތު ހޭދަކުރަން ޖެހުމުން ދެމީހުންގެ ދެމެދުގައި ގާތްގުޅުމެއް އޮތްއިރު، ކެޓްރީނާ އާއި ރަންބީރު ރުޅިވުން ވެގެންދިޔައީ އޭނާ އާއި އަދިތްޔަގެ އެކުވެރިކަން ވަރުގަދަވުމަށް އެޅުނު ބާރަކަށެވެ.

ބޮކްސް އޮފީހުގައި އެފިލްމު ފްލޮޕްވި ނަމަވެސް އެފިލްމުގައި މިދެތަރިންގެ ފަރާތުން ފެނިގެންދިޔަ ކެމިސްޓްރީއަށް ވަނީ ބެލުންތެރިންގެ ތައުރީފު ލިބިގެން ގޮސްފަ އެވެ.

މިދެތަރިންވެސް ހިމެނޭ ގޮތަށް ބޮލީވުޑްގެ ޒުވާން ޓީމަކުން އެމެރިކާގެ އެކި ސިޓީތަކުގައި ލައިވް ޝޯތަކެއް ހުށަހަޅައިދެމުން އަންނައިރު، ޑްރީމް ޓީމް އޮފް ބޮލީވުޑްގެ ގޮތުގައި ހުށަހަޅައިދެމުން އަންނަ މިޝޯގައި ކެޓްރީނާ އާއި އަދިތްޔަ ޕާފޯމްކުރަނީ އެކުގައި ކަމަށްވެ އެވެ. އަދި މިޝޯތަކަށް ތައްޔާރުވުމުގެ ގޮތުން މިދެތަރިން ހުށަހަޅައިދޭ އައިޓަމްތަކަށްވެސް ތައްޔާރުވުމުގެ ގޮތުން ރިހާސަލް ބާއްވަމުން އަންނަނީ އެކުގަ އެވެ.

އަދިތްޔާ އާއި ކެޓްރިނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް އަރާފައިވާއިރު، މިދެތަރިންގެ ގާތްފަރާތްތަކުން މިވާހަކަތައް ދޮގުކޮށްފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ރަންބީރާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ކެޓްރީނާ ސުޕަސްޓާ ސަލްމާން ޚާންއާ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާއިރު، އަދިތްޔާ އާއި އޭނާގެ "އާޝިގީ 2" ގެ ބަތަލާ ޝްރަދާ ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ ވާހަކަތަކެއްވެސް ވަނީ ދެކެވިފަ އެވެ.