ދުނިޔެ

ހަނގުރާމައިގެ ސަބަބުން ޔަމަނަށް 14 ބިލިއަން ޑޮލަރުގެ ގެއްލުން

Aug 17, 2016

ޔަމަންގައި ހިނގަމުންދާ ދާހީލީ ހަނގުރަމައިގެ ސަބަބުން އެ ގައުމަށް 14 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް، ޔަމަންގެ މައްސަލައާ ގުޅިގެން ދުނިޔޭގެ ބަރުގަދަ ޖަމްއިއްޔާތަކުން އެކުލަވައިލައިފައިވާ ރިޕޯޓެއް ބުނެފިއެވެ.

އެ ރިޕޯޓާ ބެހޭގޮތުން ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވަނީ 14 ބިލިއަން ޑޮލަރަކީ އިގްތިސޯދީ ގެއްލުމާއި އުމްރާނީ ގޮތުން ލިބިފައިވާ ގެއްލުންތައް ކަމަށެވެ.

"ހިނގަމުންދާ ހަމަނުޖެހުންތަކުގައި އުމްރަނީ ތަރައްގީއަށް ލިބުނު ގެއްލުންތަކުގެ ދެ ބައި ކުޅަ އެއް ބަޔަށް އެކަނިވެސް ހަތް ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވޭ. އާންމު ހާލަތުގައި ނަމަ އިގްތިސޯދީ ދާއިރާއިން އުފެއްދުންތެރިކަމުން ލިބުނު ގެއްލުންތައް 7.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ،" ވޯލްޑް ބޭންކާއި އދ އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ޔޫރަޕިއަން ޔޫނިއަންގެ ޓީމަކުން އެކުލަވާލައިފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.

ތައުލީމީ ދާއިރާއަށް ލިބިފައިވާ ގެއްލުން

ޔަމަންގެ އެޑިއުކޭޝަން މިނިސްޓްރީން ކުރި ސާވޭއެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން ޔަމަންގެ 20 ސަހަރުގައި 1671 ސްކޫލަށް ގެއްލުވެފައިވާ ކަމަށާއި އޭގެ ތެރެއިން 287 ސްކުލް އަލުން އިމާރާތް ކުރަން ޖެހޭ ކަމަށެވެ.

އޭގެ ތެރެއިން 544 ސްކޫލް ބޭނުން ކުރަނީ ހަނގުރާމައިގެ ސަބަބުން ގެއްލުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒު ތަކުގެ ގޮތުގައެވެ. ތިރީސް ތިން ސްކޫލް ހަނގުރަމަވެރިން ހިފާފައިވާ ކަމަށް ޔަމަންގެ އެޑިއުކޭޝަން މިނިސްޓރީން ބުނެފައިވެއެވެ. ގެއްލުންވެފައިވާ ސްކުލްތަކުގެ ތެރެއިން 143 ސްކޫލަކަށް އެކަނި ލިބިފައިވާ ގެއްލުމަށް ބަލާއިރު 269 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ސިއްހީ ދައިރާއަށް ލިބިފައިވާ ގެއްލުން

ފާއިތުވެދިޔަ ހަތް މަސް ދުވަހު ހަނގުރާމައިގެ ސަބަބުން އެގައުމުގެ ސިއްހީ ދާއިރާއަށް އެކަނި ލިބުނު ގެއްލުމަށްވެސް 3.6 ބިލއަން ޑޮލަރު ގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުން ޔަމަންގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ތައިޒްގެ ސިއްހީ ނިޒާމް އެކީއެކައްޗަކަށް ވަނީ ހަލާކުވެފައެވެ. މުޅި ޔަމަންގައި ހުރި ޕަބްލިކް ހޮސްޕިޓަލްތަކުގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ވަނީ ގެއްލުންވެފައެވެ.

މިހާރުން މިހާރަށްވެސް ޔަމަނަށް، ކަބޯތަކެއްޗާއި ފެނާއި ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ނުދެވިއްޖެނަމަ، އާންމު އިންސާނީ ކާރިސާއެއް އެ ސަރަހައްދުގައި ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ޔަމަންގެ މައްސަލަ ހޫނު ވެގެން ދިޔައީ ޔަމަންގެ ވަގުތީ ސަރުކާރުގެ ރައީސް އަބޫ ރަބޫ މަންސޫރުގެ ސަރުކާރާ ދެކޮޅަށް އރާންގެ މަދަދު އޮތް ޝިއައީންގެ ހޫތީ ޖަމާއަތް ނިކުމެ ހަނގުރަމަ ކުރަން ފެށުމުންނެވެ. އޭގެ ފަހުން ހޫތީންގެ ބާރު ކަނޑުވާލުމަށް ސައުދީ އަރަބިއްޔާ އިސްވެ އުފައްދަފައިވާ އަރަބި ގައުމުތަކުގެ ކޯލިޝަނުން ހޫތީންނާ ދެކޮޅަށް ހަމަލާތައް ދޭން ފަށައިފައެވެ.