އިންޑޮނޭޝިޔާގެ ސަރަހައްދުން ތެޔޮ ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ މެލޭޝިއާގެ ބޯޓެއް "ފޭރިގެންފި" ކަމަށް މެލޭޝިއާއިން މެރިޓައިމް އިދާރާއިން ބުނެފި އެވެ.
މެލޭޝިއާގެ މެރިޓައިމް އެންފޯސްމެންޓް އެޖެންސީ (އެމްއޭއީ) އިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ "އެމްޓީ ވިއާ ހާމޮނީ" ކިޔާ އެ ބޯޓް އޮތީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ބަޓަމް ސަރަހައްދުގައި ކަމަށެވެ.
އެމްއޭއީން ބުނެފައިވަނީ ބޯޓް ފޭރިގަތީ ކޮންބައެއްކަން އަދި ހޯދިފައި ނުވާ ކަމަށެވެ.
ބޯޓް ފޭރިގަތް އިރު 510000 އެމެރިކާ ޑޮލަރު (7.8 މިލިއަން ރުފިޔާ) ގެ ޑީސަލް (ނުވަ ލައްކަ ލީޓަރު) ގެ ތެލާއި ބޯޓްގެ ފަޅުވެރިންގެ ގޮތުގައި 10 މީހުން ތިބި ކަމަށް އެމްއޭއީން ބުނެ އެވެ.
އެމްއޭއީން ބުނީ މިދިޔަ ހޯމަ ދުވަހު އެ ބޯޓް މެލޭޝިއާގެ ޖޯހޮރުގެ ޓަންޖުން ޕެލަޕްސް ބަނދަރުން ފުރައިގެން ދިޔަކަމަށެވެ.
މެލޭޝިއާ އާއި އިންޑޮނޭޝިއާގެ ކަނޑު ސިފައިން ދަނީ މިހާރު އެ ބޯޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއޭއީ ބުނީ ބޯޓް ގެއްލުނު ކަން އިއްޔަ ރަސްމީކޮށް އާންމުކޮށްފައިވާނެ ކަމަށެވެ.
ބޯޓް ފެރިގަތުމުގައި ފަޅުވެރިންގެ ހިއްސާއެއް؟
އެ ބޯޓަކީ ވިއާ ލައިން އޭޝިއާ ގުރޫޕްގެ ބޯޓެކެވެ. ވިއާ ލައިން އޭޝިއާގެ ޗީފް އެގްޒެކެޓިވް ވިއާ އަބްދުލް ޖަމާލް ވިދާޅުވީ އެބޯޓް ދުއްވަނީ އެހެން ކުންފުންޏަކުން ޗާޓަރު ކޮށްގެން ކަމަށެވެ.
އެބޯއްޓާ އެންމެ ފަހުން ގުޅިފައިވަނީ އިއްޔަގެ ހަވީރު ކަމަށާއި ބޯޓްގެ ޓްރެކިންގް ސިސްޓަމް މަސައްކަތް ނުކުރާ ކަމަށް ޖަމާލް ވިދާޅުވިއެވެ.
ޖަމާލް ވިދާޅުވީ "ބޯޓް ފޭރިގަތީ ނުވަތަ އަޑިއަށް ދިޔައީ ނުވަތަ އިންޖީނު މައްސަލައެއް ދިމާވެގެން ދަތުރު ނުކުރެވުމުން ބެހިގެން ދިޔައީ" ކަމަށާއި ނަމަވެސް ބޯޓްގެ ކެޕްޓަނަކީ ތަޖުރިބާކާރު ކެޕްޓަނެއް ކަމަށެވެ.
ވިއާ އޭޝިއާ ގުރޫޕްގެ ޗީފް އަހްމަދު ޕްޒީ ވިދާޅުވީ ބޯޓް ގެއްލުމުގައި "އެތެރެއިން ކަންތައްތަކެއް ހިނގީ" ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް އޭނާ އިޝާރާތެއް ނުކުރެއެވެ.
މިއަހަރު އިންޑޮނޭޝިއާގެ ބައެއް ބޯޓްތަކަށް ވަނީ ފިލިޕީންސްގެ ހަނގުރާމަވެރި ގުރޫޕެއް ކަމަށްވާ އަބޫ ސައްޔާފް ގުރޫޕްގެ ނުރައްކާތައް ކުރިމަތިވެފައެވެ.