ކުޅިވަރު

ވެލެންސިއާއިން ވިކްޓްރީ ޕްރެޝަރަށް ވައްޓާލައިފި

ފަހު ހާފުގައި ޖެހި ދެ ގޯލާއެކު، ވެލެންސިއާ އިން ތާވަލުގެ ފުލުގައި އޮތް ވިކްޓްރީ އިތުރު ޕްރެޝަރަށް ވައްޓައިލައިފިއެވެ.

މިއަދު ހަވީރު ނިއުރޭޑިއަންޓް އަތުން ބީޖީ މޮޅުވުމުން މިރޭގެ މެޗަށް ނިކުތް އިރުވެސް ތާވަލުގެ ފުލައްވެއްޓުނު ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓްރީއަށް ވަނީ މިރޭގެ މެޗުން ބަލިވުމުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެދާނެ ކަމުގެ ބިރު ކުރިމަތިވެފައެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން މިނެޓެއްގެ ތެރޭގައި ކާމިޔާބު ކުރީ ހަސަން އަދުހަމް (ސަޑޭ) އެވެ. އަދުހަމް މި ލަނޑު ކާމިޔާބު ކުރީ ވެލެންސިއާއިން އުފެއްދި ހަމަލާއެއް ވިކްޓްރީގެ ޑިފެންޑަރަކު ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ވެލެންސިއާގެ ދެ ވަނަ ލަނޑު ހެންސޭ އަވީލޯ ކާމިޔާބު ކުރީ އަދުހަމްއާ ދެ ކުޅުންތެރިން ވަންޓޫ ޕާސް ހަދައިގެން އަދުހަމް ތަނަވަސްކުރި ފުރުސަތަކުންނެވެ.

އޭގެ އިތުރުންވެސް އަވީލޯއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ވެލެންސިއާގެ ފުރަތަމަ ގޯލަށް ފަހު ޕެނަލްޓީ އޭރިއާގެ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ދިޔައީ ވިކްޓްރީގެ ކީޕަރު އިފްރާހް ފައިގައި ޖެހިފައި ބޭރަށެވެ.

މެޗްގައި ވިކްޓްރީގެ ހުސައިން ޝިހްބާން އާއި މުހައްމަދު ރިޝްވާންއަށް ވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ.

މި މެޗުން މޮޅުވުމުން ވެލެންސިއާ ހަތަރު ވަނައިގައި އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި ޔުނައިޓަޑް ވިކްޓްރީ އޮތީ 15 ޕޮއިންޓާ އެކުއެވެ.

މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ލީގްގެ އެއް ވަނައިގައި އޮތް އީގަލްސްއާ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބެވެ.