ދިވެހި ސިނަމާ

4426 ގެ ޕްރޮމޯޝަނަލް ލަވަކިޔަން ޝަމްރާހް މާލެ ގެންނަނީ

ޑައިރެކްޓަރު ފާތިމަތު ނަހުލާގެ މެގަ ޕްރޮޖެކްޓް "ފޯފޯޓޫސިކްސް" ގެ އެންމެ ބޮޑު ސަޕްރައިޒްއަކީ އޭގެ ޓައިޓްލްސް ކަމަށް ނިންމަން އަދި މާ އަވަށެވެ. މިދާ ރޭޓުން ދާ ނަމަ ފިލްމުގެ ވަރަށް ބައިވަރު ސަޕްރައިޒްތައް ވަނީ ބިރުވެރިކަމުން ފުރިގެންވީ "އެ ގެއެއްގެ" ތެރޭގައި ވަޅުލެވިފަ އެވެ.

އޭގެ ތެރެއިން ފަހަރަކު ސަޕްރައިޒެއް ނިއުޅެމުން އަންނައިރު، މި ފިލްމަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ ބެލުންތެރިންނާއި ފޭނުންނަށް ނަހުލާ ދޭން އޮތް އުފާވެރި ޚަބަރަކީ މިއީ އެވެ. -- ޑޮކްޓަރު އަހުމަދު ޝަމްރާހެވެ.

އެކަމަކު އަހަރެމެން އެންމެން ވެސް މި ޑޮކްޓަރެއް ދަންނަނީކީ ހަމައެކަނި ޑޮކްޓަރެއްގެ ގޮތުގައެއް ނޫނެވެ. ޑޮކްޓަރަކަށް ވުރެ ބޮޑަށް އޭނާ އަހަރެމެންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ އެފަދަ ދެ ވަނައެއް ނެތް ދިވެހި ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. މިއީ ދިވެހިން މުނިފޫހިފިލުވައިދިން މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖު ހުއްޓުމަކަށް ގެނައި ލަވަކިޔުންތެރިޔާ އެވެ.

އެހެންވީމަ "ޝަމްރާހަކުން" ނަހުލާ ކުރަން އުޅޭ ކަމެއް ދެން މި އޮތް އެނގުނީއެއް ނޫން ހެއްޔެވެ؟ ނަހުލާގެ ފިލްމު "4426" ގެ ޕްރޮމޯޝަނަލް ލަވަ ކިޔައިދޭނީ ޝަމްރާހެވެ.

ލަވަ ރިކޯޑްކުރަން ނަހުލާގެ ޓިކެޓްގައި ޝަމްރާހް ރަޝިއާއިން ރާއްޖެ ގެންނަނީ އެވެ.

ޝަމްރާހުގެ އަގު ވަރަށް ބޮޑު، އެކަމަކު ވެސް 4426!

ޝަމްރާހު އާއި ނަހުލާގެ އަލަތު ބައްދަލުވުމަކީ މޯލްޑިވިއަން އައިޑޮލްގައި ޝަމްރާހު ޕާފޯމްކުރި ދުވަހެވެ. އެއަށް ފަހު ނަހުލާ ބުނަނީ ޝަމްރާހު އަކީ ރާއްޖެ ސިއްސުވާލި ލަވަކިޔުންތެރިޔާ ކަމަށެވެ. އެހެންވީމަ ނަހުލާގެ ފިލްމުގައި އޭނާގެ ހިތްގައިމު އަދި ވަރުގަދަ އަޑު ނުހިމެނުގެ އެއްވެސް ބޭނުމެއް ނެތެއް ނޫން ހެއްޔެވެ؟

ނަހުލާ އަކީ ވެސް ބައެއްގެ މެދުގައި ހަމަ އެއް ވަނަ އެވެ. ޝަމްރާހަކީ ނަހުލާގެ ނަޒަރުގައި "އެއް ވަނަ އެކެވެ".

"ލަވަތައް އެހެން ފެންވަރަކަށް ގެނެސްދިން މީހެއް އޭނައަކީ. މުޅި ރާއްޖެ ސިއްސުވާލި މީހެއް އޭނައަކީ،" ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ޝަމްރާހު ލައްވައި ރިކޯޑްކުރުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ނަހުލާ ބުނީ މިހެންނެވެ.

އެހެންކަމުން ޝަމްރާހުގެ އަގު ކިތަންމެ ބޮޑަށް ނަހުލާ ނިންމައިގެން ހުރީ އޭނާ ރަޝިއާ އިން މާލެ ގެނެސް ފިލްމަށް ލަވަ ކިޔުއްވުމަށެވެ. ނަހުލާގެ ތައްޔާރީ ފެނި ޝަމްރާހު ވެސް ހުރީ ސިހިފަ އެވެ.

"އެއީ ތެދެއް. އެކަމަކު އަޅުގަނޑު އެޓެންޑްކުރާ އިވެންޓްތަކަށް ދެވެން އޮތް ގޮތަކީ އެއީ. ދެން ނަހުލާ ބޭނުންވޭ މިކަން ވަރަށް ހާއްސަކުރަން. އެކަމަށް، ފިލްމަށް ކުރަން ޖެހޭ ހޭދަ އަށް ނަހުލާގެ ކަންބޮޑުވުމެއް އޮތްހެނެއް ވެސް ހީއެއް ނުވޭ،" ނަހުލާގެ ފިލްމަށް ޝަމްރާހް ރިކޯޑްކޮށްދޭ އަގުބޮޑު ލަވައާ ބެހޭ ގޮތުން ސުވާލުކޮށްލުމުން ޝަމްރާހު ބުންޏެވެ.

ޝަމްރާހަށް މިއީ އާ ތަޖުރިބާއެއް!

ލަވަކިޔުމެއް ނޫނެވެ. ލަވައެއް މިގޮތަށް ރިކޯޑްކުރުމެއް ވެސް ނޫނެވެ. ދިވެހި ސިނަމާގެ ފަންނާނުންތަކަކާ އެކު މިގޮތަށް މަސައްކަތްކޮށްލުމަށް މި ލިބުނު ފުރުސަތެވެ.

"އަޅުގަނޑަށް މިއީ ހަމަ ރަނުގެ ފުރުސަތެއް. ދިވެހި ޕްރޮޑިއުސަރަކާ އެކު މަސައްކަތްކޮށްލުމަށް ބޭނުންވެފައި ހުއްޓަސް އެ ފުރުސަތެއް ނުލިބޭ. ވެދާނެ އަޅުގަނޑުގެ ރާއްޖެއިން ބޭރުގައި އުޅޭތީ ކަމަށް ވެސް. މިނޫނިއްޔާމު މިފަދަ ހުށަހެޅުމެއް ވެސް އަދި ނުލިބޭ،" ޝަމްރާހު ބުންޏެވެ.

"ދެން އަނެއްކޮޅުން އަޅުގަނޑުގެ މޫނުބުރުގާ ލަވައިގެ ވާޝަނަށް ފަހު ވަރަށް ގިނަ ދިވެހިންގެ ބަޔަކު އެބަތިބި އާ ދިވެހި ލަވައެއް އިވޭނެ އިރަކަށް އިންތިޒާރުކުރާ. އެކަމަކު އަޅުގަނޑު އިސްކަން ދެނީ ގިނަ ލަވަތަކެއް ކިއުމަށް ވުރެ ބޮޑަށް އޭގެ ކޮލިޓީއަށް. އެހެންވީމަ އަޅުގަނޑު އެއްބަހެއް ނުވާނަން ހަމަ ހުރެލާފައި ލަވައެއްކިޔާލާކަށް އަޅުގަނޑަށް ހިތްވަރެއް، އާރޯކަމެއް ނުލިބޭ ކަމަކުން."

"ނަހުލާއަކީ އެފަދަ ޕްރޮޑިއުސަރެއް. އޭނާގެ ހުށަހެޅުން ވެސް ހަމަ އެގޮތް."

ޝަމްރާހު ބުނީ ނަހުލާ އާއި އޭނާގެ ޓީމު އަދި ލަވައިގެ މަސައްކަތްކުރަމުން އަންނަ ފަރާތާ އެކު މި ދެވެނީ ރަނގަޅު ދިމާލަކަށް ކަމުގެ އިހްސާސްކުރެވޭ ކަމަށެވެ.

ނަހުލާގެ އަލަތު ބިރުވެރި ފިލްމު "4426" ޕްރިމިއާކުރާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 18ގަ އެވެ.