ދުނިޔެ

ގުޅުން ހީނަރުވާނެ ކަމެއްގައި ހިޔާލު ތަފާތު ނުވާން ޗައިނާއާ އިންޑިއާ އެއްބަސްވެއްޖެ

މުހިންމު މައްސަލަ ތަކުގައި ދެ ގައުމުގެ ވިސްނުން ތަފާތުވުމުގެ ސަބަބުން ގުޅުމަށް އަސަރުކުރާ މައްސަލަތަކުގައި ދެ ގައުމުގެ ވިސްނުން ތަފާތު ނުކުރަން އޭޝިއާގެ ބޮޑު ދެ ބާރު ޗައިނާ އާއި އިންޑިއާއިން އެއްބަސް ވެއްޖެ އެވެ.

އިންޑިއާއަށް ނިއުކްލިއާ އިއްތިހާދުގެ މެންބަރުކަން ދޭން މިދިޔަ މަހު ހުށަހެޅި ހުށަހެޅުމަށް ޗައިނާއިން ދެކޮޅު ހެދުމުން އިންޑިއާ އާއި ޗައިނާގެ ދެ މެދުގައި ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ޗައިނާ ހާރިޖީ ވަޒީރު ވޭންގް ޔީ ވަނީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ހިޔާލު ތަފާތު ވެއްޖެނަމަ ވާހަކަ ދައްކައި މަޝްވަރާ ކޮށްގެން ދެ ގައުމުން ވެސް ކަންކަން ހައްލު ކުރުމަށް އެއްބަސް ވެފައިވާ ކަމަށެވެ.

"ދެ ގައުމުވެސް އެއްބަސްވޭ ދެ ގައުމުގައި ހުރި ތަފާތުތަކަށްވުރެ ދެގައުމުގައި އެއްގޮތް ކަންތައްތައް ގިނަ ކަން. އެއް ގައުމު އަނެއް ގައުމާ ވާދަ ކުރުމަށްވުރެ އެއްބާރުލުން ދިނުން ދެ ގައުމަށް ވެސް މުހިންމު. އަދި ދެ ގައުމުގެ ދެމެދުގައި ހުރި ވަކި ތަފާތު ތަކަށް ވުރެ ދެ ގައުމުގެ ގުޅުން ހަރުދަނާ ކަމާއެކު އަބަދަށް ދެމިއޮތުން ދެ ގައުމަށްވެސް މުހިންމު" ޗައިނާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ ހަރިޖީ ދާއިރާގެ އިސްވެރިންނާއެކު ޔޭންގެ ޔީ މަޝްވަރާ ކުރެއްވީ ޗައިނާގެ ހެންގްޒު ގައި އަންނަ މަހު ބާއްވާ ''ޖީ 20" ސަމިޓްގައި ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ފާހަގަ ނުކުރުމަށް އިންޑިއާއަށް ބާރު އެޅުއްވުމަށެވެ.

ޗައިނާއިން ބޭނުންވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ''ޖީ 20" ގެ ސަމިޓުން ބޭރުގައި ބޭއްވުމަށެވެ.

އެހެން ނަމަވެސް ޗައިނާއިން ބުނީ ހާރިޖީ ވަޒީރު އިންޑިއާ އަށް ވަޑައިގެންނެވީ ''ޖީ 20" ސަމިޓާއި ބްރިކްސް ސަމިޓްގެ ކުރިން އިންޑިއާއެކު ސްޓްރެޓަޖީ ކޮމިޔުނިކޭޝަން ގާއިމު ކުރަން ކަމަށެވެ.

އޮކްޓޫބަރު މަހު 15 ގައި ފަށާ ބްރިކްސް ސަމިޓް އޮންނާނީ އިންޑިއާގެ ގޯއާގަ އެވެ. "ބްރިކްސް" އަކީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ގޮތުން އުފައްދާފައިވާ އިއްތިހާދެކެވެ.

ޗައިނާ ބުނީ "ޖީ 20" ސަމިޓާއި ބްރިކްސް ސަމިޓްވެސް ކާމިޔަބު ކާމާއެކު ގެންދިއުމަށް ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް އެއްބަސް ވެވުނު ކަމަށެވެ.