ބޮލީވުޑް

ކެޓްރީނާގެ ލޯބީގެ ނިމުން، ރަންބީރުގެ ދުލުން

Aug 19, 2016

ހައަހަރުވީ ލޯބީގެ ގުޅުން ކުއްލިއަކަށް މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ނިންމި ހަބަރުވެގެން ދިޔައީ މިދެތަރިންގެ ފޭނުންގެ އިތުރުން ގިނަބަޔަކަށް ޝޮކަކަށްވި ހަބަރަކަށެވެ.

މިދެތަރިން ކުއްލިއަކަށް ރުޅިވުމުން ގިނަބަޔަކު ތުހުމަތުކުރީ އެދެމީހުން ރުޅިވީ ރަންބީރާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯންއާ "ތަމާޝާ" ގެ ޕްރޮމޯޝަންތަކުގެ ތެރެއިން މާގާތްގުޅުމެއް އުފެދުމުން އެކަމާ ކެޓްރީނާ ހިތްހަމަނުޖެހުމުން ކަމަށް ކަމަށެވެ.

ރަންބީރާއި ކެޓްރިނާ ރުޅިވިތާ ހަތް މަސްދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް މިދެތަރިން ރުޅިވި ވާހަކަތަކަށް ހުއްޓުމެއްނާންނައިރު، ރުޅިވިތާ ހަތްމަސްފަހުން ރަންބީރު މިވަނީ އެންމެފަހުން އޭނާ އާއި ކެޓްރީނާ ރުޅިވާންޖެހުނު ސަބަބާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

ދެހާސް ސާދަވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކުގައި ދިރިއުޅެމުން އައި މިދެތަރިން ރުޅިވިފަހުން އެކަކު އަނެކަކާ އެއްވެސް ގޮަތަށް ވާހަކަދައްކާފައިނުވާއިރު، ދެމީހުން ވަނީ އެކުގައި ކުޅެމުން އަންނަ ފިލްމު "ޖައްގާ ޖާސޫސް" ގެ މަންޒަރުތައް ޝޫޓްކޮށްފަ އެވެ.

ހައަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާ އާއި ކުއްލިއަކަށް ރުޅިވެ، ދެމީހުން ވަކިވާން ޖެހުމުން ވަރަށް ދެރަވި ކަމަށާއި އެދެމީހުން ވަކިވާން ޖެހުމުގެ ފަހަތުގައި ވަރަށް ބައިވަރު ސަބަބުތަކެއް ވާކަމަށް ބުނަމުން ރަންބީރު ވަނީ އެންމެ ބޮޑު އެއް އަސްލަކީ މީޑިއާތަކުން ފަތުރާފައިވާ އިތުބާރުނުހިފޭ ދޮގު ވާހަކަތަކުގެ ސަބަބުން ކަންތައްތަކާ މެދު އެމީހުން ދެކޭ ގޮތް ބަދަލުވެ ދެމީހުންގެވެސް ހިޔާލު ވަރަށް ބޮޑަށް ތަފާތުވުމުން ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.

"އަހަރުމެން ރުޅިވި ވާހަަކަތައް އަހަރެން ނުދެއްކަން. އެއީ އެވާހަކަތައް ދައްކައިގެން ވާނެ މާބޮޑު ކަމެއް ނެތީމަ. އެވާހަކަތައް ނުދެއްކި ކަމުގައި ވިޔަސް ވަރަށް ދެރަވި. އަހަރެންގެ ޒާތީ ދިރިއުޅުމަކީ އަހަންނަށް ވަރަށް މުހިންމު އެއްޗެއް. ހާއްސަކޮށް ކެޓްރީނާ އަކީ އަދި އަބަދުވެސް ވާނީ އަހަންނަށް ވަރަށް ގާތް މީހަކަށް. އޭނާ އަކީ އަހަރެންގެ މައިންބަފައިންނަށްފަހު އަހަރެންނަށް އެންމެ އަޅާލި އަދި އަހަރެންގެ ހަޔާތަށް އެންމެ ބާރުފޯރުވޭނެ އެކަކު. ކެޓްރީނާއާ ރުޅިވިޔަސް އޭނާއާ އެކު ހޭދަކޮށްފައިވާ އެންމެ ހިނދުކޮޅަކާވެސް ދެރައެއް ނުވޭ، އޭނާ އަބަދުވެސް ހާއްސަވާނެ" ކެޓްރީނާ އާ ރުޅިވިޔަސް އޭނާ އަކީ ހާއްސަ ފަރާތެއް ކަމަށް ބުނަމުން ރަންބީރު ބުނެފައިވެ އެވެ.

ރަންބީރު ދީފައިވާ އިންޓަވިއުގެ ޕްރޮމޯ ވިޑިއޯއެއް:

ރަންބީރު އޭނާއާ ކެޓްރީނާގެ ރުޅިވާންޖެހުނު ގޮތާ ބެހޭގޮތުން އެދެތަރިން ރުޅިވިފަހުން ފުރަތަމަ ފަހަރަށްް ވާހަކަދައްކާފައިވަނީ ސީއެންއެން ނިއުސް 18 އަށް ރަންބީރު ދިން އިންޓަވިއުއެއްގަ އެވެ.

ރަންބީރު އިތުރަށް ވަނީ އޭނާ އާއި ކެޓްރީނާ ރުޅިވިފަހުން އެކުގައި މަސައްކަތްކުރަން ޖެހުމުން އެއްވެސް އުނދަގޫ ކަމެއް ދިމާނުވާ ކަމަށާއި ސަބަބަކީ ކެޓްރީނާ އަކީ ވަރަށް ކުރާހިތުން މަސައްކަތްކުރާ މީހެއް ކަމަށާއި އޭނާ އާއެކު މަސައްކަތްކުރަން ވަރަށް މަޖާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ފުރުސަތު ލިބޭނަމަ އެކުގައި ފިލްމުތައް ކުޅެން އޭނާ ބޭނުންވާ ކަމަށް ބުނެފަ އެވެ.

ލޯބީގެ ގޮތުން މިދެތަރިން ގުޅިގެން އުޅުނުއިރު އެކަމަށް އެއްބަސްނުވެ ވަރަށް ސިއްރުން އުޅެފައިވާއިރު، ރަންބީރު އޭނާއާ ކެޓްރީނާ ރުޅިވާންޖެހުނު ގޮތާއި ބެހޭގޮތުން ވާަހަކަދައްކާފައިވާއިރު ރަންބީރު ދައްކާފައިވާ ވާހަކަތަކަށް ކެޓްރީނާ ދޭނީ ކޮންކަހަލަ ރައްދެއް ބާވަ އެވެ.