ބޮލީވުޑް

"ޕަދްމާވަތީ" ގައި ދިޕިކާ އާއެކު ރަންވީރު ފެނިގެންދާނެ

Aug 19, 2016

މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ދެން އުފައްދާ ފިލްމު "ޕަދްމާވަތީ" ގައި ބަތަލާ ދިޕިކާ ޕަދުކޯން އާއެކު ދެބަތަލުން ފެނިގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، އޭނާ އާއެކު ލީޑްރޯލުން ފެނިގެންދާނީ ލޯބީވެރިޔާ ރަންވީރު ސިންގްގެ ބަދަލުގައި ސުޕަސްޓާ ޝާހްރުކް ޚާން ކަމަށް ވަނީ އަޑުތައް އަރާފަ އެވެ.

ދިޕިކާ އާއި ރަންވީރު މީގެކުރިން އެކުގައި ފެނިގެން ގޮސްފައިވާ "ރާމް ލީލާ" އާއ "ބާޖިރާއޯ މަސްތާނީ" ވެސް އުފައްދާފައިވާ ބަންސާލީ އުފައްދާ ފިލްމު "ޕަދްމާވަތީ" ގައި ލީޑްރޯލުން ދިޕިކާ އާއެކު ފެނިގެންދާނީ އޭނާ ކަމަށް ރަންވީރު މިވަނީ ބުނެފަ އެވެ.

މިހާނަތަށް ވެސް މިފިލްމުގެ ލީޑްރޯލުން ރަންވީރު ފެނިގެންދާނެކަން ނުވަތަ ނޫންކަން ބަންސާލީ ވެސް އަދި ރަންވީރު ވެސް ބުނެފައިނުވާއިރު، ރަންވީރު އެންމެފަހުން ކުޅުނު ފިލްމު "ބޭފިކްރޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ސުވިޒަލޭންޑްގައި ޗުއްޓީއެއް ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށް އައިސް ދިން އިންޓިވިއުއެއްގައި ވަނީ އެންމެފަހުން އޭނާ ކުޅުނު ފިލްމުގެ ޝޫޓިން ވަރަށް ބުރަކަމުން "ޕަދްމާވަތީ" ގެ ޝޫޓިން ފެށުމުގެ ކުރިން އޭނާ ޗުއްޓީއެއް ނެގީ ކަމަށް ބުނެފަ އެވެ.

ރަންވީރުގެ ބަދަލުގައި މިރޯލު ރިތިކް ރޯޝަން ކުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ. ނަމަވެސް ރިތިކް ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

ރަންވީރު މިފިލްމުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ. އޭނާ އަކީ ރާނީ ޕަދްމާވަތީ (ދީޕިކާ ޕަދުކޯން) އާ ހެދި މޮޔަވެފައި ހުންނަ މީހެކެވެ.

މިފިލްމުގައި ދިޕިކާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނެ އެކްޓަރެއް އަދިވެސް ހަމަނުޖެހޭ ކަމަށްވެ އެވެ. އެރޯލުވެސް ފަވަދް ޚާން އާއި ޝާހިދު ކަޕޫރު އަދި ޓީވީ ތަރިއަކަށް ވެސް ހުށަހެޅި ކަމަށްވާއިރު، އެރޯލު ކޮންމެ ކޮންމެ އެކްޓަރެއް ކުޅޭކަށް ދިޕިކާ ގަބޫލުނޫން ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި މިފިލްމުގެ ތަރިންނަކީ ކޮން ބައެއްކަން ބަންސާލީ އަދި އިއުލާން ނުކޮށްގެން އުޅެނީ ދިޕިކާފެ ފިރިމީހާގެ ރޯލުން ފެނިގެންދާނެ އެކްޓަރެއް އަދި ޔަގީންނުވާތީވެ އެވެ.

އަންނަ މަހުގެ ތެރޭގައި މިފލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮޮތް ނަމަވެސް ދިޕިކާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނެ ތަރިއެއް ޔަގީންނުވާތީ ފިލްމުގެ ޝޫޓިން ފެށޭނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ރާނީ ޕާދްމަވަތީގެ ފިރިމީހާގެ ރޯލަކީ ރަންވީރު ކުޅޭ ރޯލަށް ވުރެން ކުޑަ ރޯލަކަށް ވުމުން އެރޯލު ކުޅެން އެއްވެސް މަޝްހޫރު ތަރިއަކު ޝައުގުވެރި ނުވާ ކަމަށްވެ އެވެ. އަދި ފިލްމު އުފައްދާ ފަރާތަށް ކަމުދާ ތަރިންނެއް ނުވަތަ އެރޯލު ކުޅެން ޝައުގުވެރިވާ ތަރިންނާ މެދު ދިޕިކާ ހިތްހަމަނުޖެހޭ ކަމަށްވެ އެވެ.