ދުނިޔެ

ސަލާންޖަހާ މީހަކަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ފަސް ޑޮލަރު ދެއްވި މައްސަލައެއް ހޫނުވެއްޖެ

މެލްބަން (19 އޯގަސްޓް) - އޮސްޓްރޭލިއާގެ މެލްބަންގެ މަގެއްގެ ދުވާރުގައި ސަލާންޖަހަން ހުރި މީހަކަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓާންބުލް ފަސް ޑޮލަރު (3.81 އެމެރިކާ ޑޮލަރު) ދެއްވި މައްސަލައެއް ހޫނުވެ ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ބޮޑުވަޒީރު ހޫނުފެނަށް ވައްޓާލައިފި އެވެ.

މި ފާޑުކިޔުންތަކެއް އަމާޒުވާން ފެށީ، ސަލާންޖަހާ މީހާ އަށް ޓާންބުލް ފަސް ޑޮލަރު ދެއްވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުވުމުންނެވެ. މި ފޮޓޯއިން ފެންނަ ގޮތުން، ފަސް ޑޮލަރު ނަންގަވައި ސަލާންޖަހާ މީހާގެ ކަރުދާސް ތަށްޓައް ލައްވާއިރު ބޮޑުވަޒީރުގެ އަނެއް އަތުގައި "ފައިސާ ބޮނޑިއެއް" ފެންނަން އޮވެ އެވެ.

ފާޑުކިޔާ މީހުން ބުނަމުން ދަނީ މެލްކޮމް ޓާންބުލް ކަހަލަ "މަހުޖަނަކު" ސަލާންޖަހާ މީހަކަށް އެންމެ ފަސް ޑޮލަރު ދިއްކޮށްލެއްވުމަކީ ގަބޫލުކުރެވޭ ފެންވަރުގެ އަމަލެއް ނޫން ކަމަށެވެ. ސަލާން ޖަހަން އިން މި މީހާ އަށް ޓާންބުލް މި އެހީއެއް ވެލެއްވީ މިދިޔަ ބުދަ ދުވަހު އޮތް އިގްތިސާދީ ބައްދަލުވުމަށް ވަޑައިގެންނެވި މަގުމަތީގަ އެވެ.

އެއް ބަޔަކު ފާޑުކިޔަމުން އަންނައިރު ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ ބޮޑުވަޒީރު އެގޮތަށް އަމަލުކުރެއްވީ ސަލާންޖަހާ ބައެއް މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށްވެފައި އެފަދަ މީހަކަށް ގިނަ އަދަދަކަށް ފައިސާއިން ދެއްވައިފި ނަމަ އޭގެ ބޭނުން ނޭދެވޭ ގޮތަކަށް ހިފައިފާނެ ކަމަށް ވިސްނަވައިގެން ކަމަށެވެ. ނަމަވެސް ބޮޑުވަޒީރު ސަލާންޖަހާ މީހާ އަށް އެހީއެއް ވެލެއްވީ ހަމައެކަނި ފޮޓޯގްރާފަރުންނަށް ރީތި މަންޒަރެއް ދައްކަވާލެއްވުމުގެ ބޭނުމުގައި ކަމަށް ބުނާ މީހުން ވެސް އެބަ އުޅެ އެވެ.

އުމުރުފުޅުން 61 އަހަރުގެ ޓާންބުލް އަކީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް އެގައުމުގައި މަޝްހޫރު މަހުޖަނެކެވެ. އޮސްޓްރޭލިއާގެ އެންމެ މުއްސަނދި މީހުންނާއި އާއިލާތައް ފީޗާކުރާ ބީއާރްޑަބްލިއު ރިޗް 200 ލިސްޓްގައި އެ ބޭފުޅާގެ ނަން އެކި ފަހަރުމަތިން ހިމެނިފައިވެ އެވެ.

އެއްއިރެއްގައި ޓާންބުލް އަކީ އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ހުންނެވި އެންމެ މުއްސަނދި މެމްބަރެވެ.

ފަގީރަކަށް މަދު މިންވަރަކުން އެހީވި މައްސަލައެއްގައި ޓާންބުލް އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެހެން ގައުމުތަކުގެ ލީޑަރުންނަށް ވެސް މިފަދަ ބަދުނަސީބު ގޮތްތަކެއް ދިމާވެފައި އެބަހުއްޓެވެ. އެގޮތުން ގެދޮރު ނެތް މީހަކަށް ދެ ޕެނީ ދެއްވައިގެން އިނގިރޭސި ވިލާތުގެ ލޭބާ ޕާޓީގެ ކުރީގެ ލީޑަރު އެޑް މިލިބަންޑަށް ވެސް 2014 ވަނަ އަހަރު ފާޑުކިޔުން އަމާޒުވެފައިވެ އެވެ. --ބީބީސީ