ދުނިޔެ

ސުންނީންނާ ހަނގުރާމަކުރާނެ ޝިއައީންގެ ލަޝްކަރެއް އީރާނުން އުފައްދައިފި

Aug 20, 2016

މެދު އިރުމަތީގައި ސުންނީނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހަމައެކަނި ޝިއައީން ހިމެނޭ އަސްކަރީ ބާރެއް އީރާނުން އެކުލަވައިލައިފިއެވެ.

އަލް މަޝްރިގް ނިއުސްގައި އެއްޔަ އާންމުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ އަރަބި ލަޝްކަރަކާ ހަނގުރާމަ ކުރުމަށް އީރާނުން، އެ ގައުމަށް އެންމެ ވާފަތެރި ޝިއައީން ހިމެނޭ އަސްކަރީ ބާރެއް އެކުލަވައިލައިފި ކަމަށެވެ.

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ ހެޑް މުހައްމަދު އަލް ފަލަކީ ވިދާޅުވީ "ގައްސާމް ސޮލަމާނީގެ ކޮމާންޑަރު ކަމުގެ ދަށުން ޝިއައީންގެ އަސްކަރީ ބާރެއް ސީރިޔާގައި އީރާނުން އެކުލަވައިލައިފި" ކަމަށެވެ.

ޝީއައީންގެ ބާރުގަދަ އީރާނުން މިހާރުވެސް ދަނީ ސުންނީ މުސްލިމުންގެ އަޢުލަބިއްޔަތު އޮންނަ ދެ ގައުމު ކަމަށްވާ ސީރިޔާ އާއި ޔަމަންގައި، ސުންނީން ނާއި ދެކޮޅަށް ޝިއައީނަށް މަދަދު ދީގެން ހަނގުރާމަ ކުރުވަމުންނެވެ. އެގޮތުން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަސްކަރީ ބާރަށް އެހީތެރިވުމުގައި އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ދަނީ ސީރިޔާގައި ހަރަކާތްތެރިވަމުންނެވެ. އަދި ޔަމަންގެ ޝިއައީ ޖަމާއަތެއް ކަމަށްވާ ހޫތީ ޖަމާއަތަށް އީރާނުން ދަނީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސޮލަމޯނީ އަކީ ރިވޮލިއުޝަނަރީ ގާޑްގެ އެލީޓް ފޯސްގެ ކޮމާންޑަރެވެ. ނަމަވެސް އީރާނުން މި އުފެއްދި އަސްކަރީ ބާރުގެ ސާފް އަދެއް އެނގިފައެއް ނުވެއެވެ.

"މި އަސްކަރީ ބާރުގައި ހިމެނެނީ ހަމައެކަނި އީރާނުގެ މީހުންނެއް ނޫން. އެއްވެސް ތަނެއްގައި (ޝިއައީން) ހަނގުރާމަ ކުރާނަމަ އަހަރެމެން އެ ފޯސްއަކަށް ހަތިޔާރާއި އަސްކަރީ ސިފައިން ފޯރުކޮށްދޭނަން" ފަލަކީ ވިދާޅުވިއެވެ.

އަލްޖަޒީރާއިން މި އަހަހަރު ޖަނަވަރީ މަހު ރިޕޯޓްކޮށްފައިވާ ގޮތުން އީރާނުން ވަނީ އަފްގާނިސްތާންގެ ޝިޔައީން ހިމެނޭ ބާރެއް ސީރިޔާގައި ތަމްރީން ކުރުވަން ފަށާފައެވެ.