ބޮލީވުޑް

ސަރްކާރު 3: އަބީޝެކާއި އައިޝްވާރިޔާ ނުފެންނާނެ!

Aug 21, 2016

ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާގެ ކާމިޔާބު ފިލްމު "ސަރްކާރް" ސިލްސިލާގެ ތިންވަނަ ފިލްމެއް އުފައްދަން ނިންމާފައިވާއިރު "ސަރްކާރް 3" އިން މި ސިލްސިލާގެ ދެވަނަ ފިލްމު "ސަރްކާރް ރާޖް" ގެ މުހިންމު ރޯލުން ފެނިގެން ގޮސްފައިވާ ދެ ތަރިން ކަމަށްވާ އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން "ސަރްކާރް 3" ން ފެނިގެން ނުދާނެ އެވެ.

އަބީޝެކް އާއި އައިޝްވާރިޔާ "ސަރްކާރް 3" އިން ފެނިގެން ނުދާނެ ކަމަށް ރާމް ގޯޕާލް މިފިލްމުގެ ފަސްޓް ލުކް މިމަހުގެ 25 ވަނަ ދުވަހު ލޯންޗް ކުރުމަށް ހަމަޖެހިފައިވާކަން އިއުލާންކުރަމުން ކުރި ޓްވީޓެއްގަ އެވެ.

އަބީޝެކް އާއި އައިޝްވާރިޔާ މި ފިލްމުގައި ފެނިގެންނުދާނެ ކަމަށް ރާމް ގޯޕާލް ބުނެފައިވަނީ ފިލްމުގެ ވާހަކަ ކުރީ ފިލްމާ ތަފާތުވުމުންނެވެ.

ރާމް އިތުރަށް ބުނީ މިސިލްސިލާގެ ކުރީ ދެ ފިލްމަށް ވުރެން ތިންވަނަ ފިލްމު ބޮޑުވާނެ ކަމަށާއި އަދި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ ތަރިން ވަރަށް އަވަހަށް އިއުލާނެކުރާނެ ކަމަށެވެ.

އައިޝްވާރިޔާ އާއި އަބީޝެކް މި ފިލްމުން ފެނިގެން ނުދާނެ ކަމަށް ބުނެފައިވާއިރު، މި ސިލްސިލާގެ ދެ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވާ މެގަސްޓާ އަމީތާބް ބައްޗަން ވެސް ތިންވަނަ ފިލްމުން ފެނިގެންދާނެކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނޫނެވެ.

"ސަރްކާރް ރާޖް" ރިލީޒްވިފަހުން އަމީތާބް އާއި ރާމް ގޯޕާލްއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާއިރު، މިފަހުން އަމީތާބް ވަނީ "ސަރްކާރް 3" އާ ގުޅޭގޮތުން ރާމް ގޯޕާލްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މި ސިލްސިލާގެ ފިލްމުތަކަކީ އިންޑިއާގެ ސިޔާސީ މަސްރަހުގައި ހިނގާ ޖަރީމާތަކަށް އަލިއަޅުވާލައިގެން އުފައްދާފައިވާ ފިލްމުތަކެކެވެ.

"ސަރްކާރް 3" ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މުމްބައިގެ އިތުރުން ލަންޑަންގަ އެވެ.