ބޮލީވުޑް

ކާޖޮލް ދެން ކުޅޭނީ އެކަނިވެރި މަންމައެއްގެ ރޯލު

Aug 21, 2016
2

ފަސް އަހަރުގެ ބްރޭކަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ވަނީ މިދިޔަ އަހަރު ނިކުތް "ދިލްވާލޭ" އާއެކު އަލުން ފިލްމު ކުޅެން ފަށާފަ އެވެ.

އެ ފިލްމަށްފަހު ކާޖޮލް އަށް ގިނަ ފިލްމުތަކުން ހުށަހެޅުން ލިބެމުން އައި ނަމަވެސް ދެން އޭނާ ފެނިގެންދާނީ ފިރިމީހާ އަދި އެކްޓަރު އަޖޭ ދޭވްގަން އުފައްދާ ފިލްމަކުންނެވެ.

އަޖޭގެ "ޝިވާއޭ" ގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި އަޖޭ ވަނީ ކާޖޮލް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން މި އަަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ބުނެފަ އެވެ.

ފިލްމާ ގުޅޭގޮތުން އަޖޭ މާގިނަ މައުލޫމާތެއް ނުދިން ކަމަށް ވިޔަސް ބޮލީވުޑްގެ ރިޕޯޓްތައް ބުނާގޮތުން ފިލްމުުގައި ކާޖޮލް ފެނިގެންދާނީ އަށް އަހަރުގެ ކުއްޖެއްގެ އެކަނިވެރި މަންމައެއްގެ ރޯލުންނެވެ.

ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ރޮބިން ބަޓް އާއި އަނަންދް ގާންދީ ކުރަމުން އަންނައިރު، ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ އެޑް ފިލްމު މޭކާ ރާކޭޝް ސަތީ އެވެ. މިއީ ރާކޭޝް ޑައިރެކްޓްކުރާ ފުރަތަމަ ބޮލީވުޑް ފިލްމަށް ވިޔަސް މީގެ ކުރިން އޭނާ ވަނީ ކާޖޮލް ފެނިގެންގޮސްފައިވާ ގިނަ އިޝްތިހާރުތަކެއް ޑައިރެކްްޓްކޮށްފަ އެވެ. އަދި ރާކޭޝް އާއި އަޖޭ އަކީ ކްލާސް މޭޓުން ކަމަށްވެސްވެ އެވެ.

ބުނެވޭ ގޮތުގައި މުޅި މިފިލްމު ބިނާކޮށްފައިވަނީ ކާޖޮލް އަށެވެ. އޭނާގެ ފިރިމީހާ އޭނާ އާއި ދަރިފުޅު ދޫކޮށް ދިއުމުން އެމީހުންގެ ހަޔާތަށް އަންނަ ގޮންޖެހުންތަކާއި އެކަނިވެރި މަންމައެއްގެ ގޮތުގައި ވަރަށް ގިނަ ދަތިތައް ތަހަންމަލު ކުރުމަށްފަހު ދަރިފުޅު ބަލާ ބޮޑުކުރާ މަންމައެއްގެ ގޮތުގައި ކާޖޮލް ފެނިގެންދާނެ އެވެ.

މިފިލްމަކީ އަށް އަހަރު ވަންދެން އެކަނިވެރި މަޔަކު ދަރިއަކު ބަލާބޮޑުކުރަން ކުރާ މަސައްކަތެވެ. ފިލްމު ނިމޭނެ ކަމަށްވަނީ އޭނާގެ ދަރިފުޅަށް ކޮލެޖުން އެޑްމިޝަން ލިބޭ ހިސާބުން ކަމަށްވެ އެވެ.

ކާޖޮލް މިހާރު އަންނަަނީ އަޖޭގެ "ޝިވާއޭ" ގެ މާކެޓިންގެ މަސައްކަތް ކުރަމުންނެވެ.