ދުނިޔެ

ތުރުކީގެ ކައިވެނި ހަފުލާއަކަށް ދިން ހަމަލާއެއްގައި 30 މަރު!

Aug 21, 2016

ތުރުކީގެ ދެކުނު ގާޒިއެންޓެޕް ޕްރޮވިންސްގައި ކުރިއަށް ދިޔަ ކައިވެނީގެ ހަފުލާއަކަށް ދިން ޓެރަރިސްޓް ހަމަލައެއްގައި 30 މީހުން މަރުވެ 94 މީހުން ޒަހަމް ވެއްޖެ އެވެ.

ތުރުކީގެ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވްލަޕްމެންޓް ޕާޓީގެ ނައިބު ސާމިލް ތައްޔަރު ވިދާޅުވީ އެ ހަމަލާއަކީ އައިއެސް ޖަމާއަތުން ދިންެ ހަމަލާއެއް ކަމަށެވެ.

ކުރުދީންގެ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީން ބުނީ އެ ހަމަލާގައި އެ ޕާޓީގެ މެންބަރުންނަށް އަމާޒުކޮށްފައިވާ ކަމަށެވެ.

ތުުރުކީގެ ބޮޑުވަޒީރުގެ ނައިބު މެހެމަތު ސެމިސްކް ވިދާޅުވީ އެ ބޮމުގެ ހަމަލާއަކީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށާއި، ރިޕޯޓް ކުރެވިފައިވާ ވަރަށް ވުރެ ގިނަ މީހުން މަރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މި ހަމަލާގެ ބޭނުމަކީ އަހަރެމެންގެ ރައްޔިތުން ބިރު ވެރިކަމެއްގެ ތެރެއަށް ވައްޓާލުން. އެކަމަކު އެފުރުސަތެއް ނުދޭނަން. މީ ނުރައްކާތެރިކަން ބޮޑު ހަމަލާއެއް" ތުރުކީގެ މަޖިލީހުގައި ގާޒިއެންޓެޕްގެ ގޮނޑިވެސް ތަމްސީލުކުރާ ސެމިސްކް ވިދާޅުވި އެވެ.

މި ހާދިސާ ހިނގީ ކުރުދީން އާބާދީ ސަރަހައްދާ ކައިރީގައެވެ. ހާދިސާ ހިނގި ވަގުތު ކައިވެނި ހަފުލާއަށް 500 މީހުން ޖާމާވެ ތިބި ކަމަށް ރިޕޯޓްތަައް ބުނެއެވެ.