ހޫނުވެފައިވާ ކަޝްމީރުގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ން ގޮވާލައިފި އެވެ.
ޕާކިސްތާނުގެ ހާރިޖީ މުޝީރު ސަރުތާޖް އަޒީޒް އާއެކު ބޭއްވި މަޝްވަރާ ތަކަށްފަހު ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އޯއިސީގެ ސެކެރެޓަރީ ޖެނަރަލް އިޔާދު މަދަނީ ވިދާޅުވީ ހޫނު ވެފައިވާ ކަޝްމީރުގެ މައްސަލަ ގޯހުން ގޯހަށް ނުދަނީސް ބައިނަލްއަގްވާމީ ދުނިޔެއިން އެކަމާމެދު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ކަޝްމީރުގެ ރައްޔިތުން ބޭނުންވަނީ ވަކި ގައުމެއްގެ ގޮތުގައި ކަޝްމީރު އުފެދިގެން ދިއުމަށެވެ. ނުވަތަ ޕާކިސްތާނާ ގުޅޭށެވެ. އިންޑިއާ އާއި ޕާކިސްތާން ވަކިވި ފަހުން ވެސް ކަޝްމީރުގެ މައްސަލައިގައި އެ ދެ ގައުމު ދަނީ ތަޅާ ފޮޅަމުންނެވެ.
މަދަނީ ވިދާޅުވީ ކަޝްމީރަށް ދާއިމީ ސުލްހަ ގެނަން ބޭނުންނަމަ ފެންނަ ނުފެންނަ ވޯޓަކަށް ދާން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ އަދިވިދާޅުވީ ކަޝްމީރުގެ މައްސަލައިގައި ގޮތް ނިންމާނީ ކަޝްމީރުގެ ރައްޔިތުން ކަމަށެވެ.
ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަޒީޒު ވަނީ ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާއިން ލީތަލް ފޯސް ބޭނުން ކުރާތީ އެކަށް ކުށްވެރިކޮށްފަ އެވެ.
އަޒީޒު ވިދާޅުވީ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ ގަރާރުގައިވާ ގޮތުގެ މަތިން ސަރަހައްދުގެ ސުލަހައްޓަކައި ކަޝްމީރުގެ މައްސަލައިގައި ސުލްހަވެރި ނިންމުމަކަށް ދާން ޖެހޭ ކަމަށެވެ.
ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މަދަނީ ވިދާޅުވީ ބައިނަލްއަގްވާމީ ހައްގުތަކުގެ ތެރެއިން ނަފުސު ދިފާއު ކުރުމުގެ ހައްގު ކަޝްމީރުގެ ރައްޔިތުންނަށް ލިބިފައިވަ ކަމަށާއި، ކަޝްމީރުގެ މައްސަލައިގައި ވަކިގޮތެއް ނިމެންދެން އޯއިއިސީން ކަޝްމީރުގެ މައްސަލަ ގާތުން ބަލަމުންދާނެ ކަމަށެވެ.
އޭނާ ވަނީ ކަޝްމީރުގެ މައްސަލަ ގޯސް ވަމުންދާ ކަމަށް ވިދާޅުވެ ބައިނަލްއަގްވާމީ ދުނިޔެއަށް ކަޝްމީރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލާފައެވެ. އަދި ވިދާޅުވީ ކަޝްމީރަށް ސުލްހަ އަންނާނީ ސިޔާސީ ހައްލެއް ހޯދައިގެން ކަމަށެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުގެ ދައުރެއް މިކަމުގައި އެބައޮތް. ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ހިލާފް އަމަލުތަކުގެ މައްސަލަ ލަސް ނުވަނީސް ބަލަންޖެހޭ." މަދަނީ ވިދާޅުވި އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ކަޝްމީރުގެ މިނިވަން ކަމުގެ ހަރަކާތުގެ ޒުވާން ލީޑަރެއް މަރާލުމާ ގުޅިގެން، ކަޝްމީރުގައި ދަނީ އިންޑިއާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކާ ދެކޮޅަށް އިންޑިއާގެ އަސްކަރިއްޔާއިން ވަނި ބާރުގެ ބޭނުންކޮށްފައެވެ. އިންޑިއާގެ ހަމަލާތަކުގައި ކަޝްމީރުގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.