ދުނިޔެ

1500 އަހަރުވީ ރުނބައެއް ތުރުކީން ފެނިއްޖެ

Aug 21, 2016

ފަނަރަސަތޭކަ އަހަރުވީ ރުނބައެއް ތުރުކީގެ ހުޅަނގު ސަރހައްދުގެ ބުރޫސާ ޕްރޮވިންސްގެ ދަނޑެއް ކޮންނަނިކޮށް ފެނިއްޖެ އެވެ.

ތުރުކީގެ ޑޯގަން ނިއުސް އިން ބުނީ ބުރޫސާ ޕްރޮވިންސްގެ ކަރަކާބޭ އަވަށުގައި އޮންނަ އެ ދަނޑުގެ ވެރިޔާ ބިންގަނޑު ކޮންނަމުން ދިޔައީ ކުޑަ ހައިމާކެއް ބޭނުން ކޮށްގެން ކަމަށެވެ.

ކޮންނަމުން ގޮސް އެ ރުނބާ އިން ހިސާބު ފެނުމުން ކޮނުން ހުއްޓަލުމަށްފަހު ދަނޑުވެރިޔާ ގޮސް އެ އަވަށުގެ ރަސްމީ އޮފީހަށް އެނގުމުން ބުރޫސާގެ އާކިއޮލަޖީ ދާރުލްއާސާރުގެ އޮފިޝަލުން ގޮސް ފަރުވާތެރި ކަމާއެކު ކޮނެ އެ ރުނބާ ނަގައިގެން ވަނީ ގެންގޮސްފަ އެވެ. މި ރުނބާގެ އުސް މިނަކީ 1.5 މީޓަރެވެ.

މިދިޔަ ހުކުރު ދުވަހު ފެނުނު ރުނބާއާ ބެހޭގޮތުން ތުރުކީގެ އާކިއޮލިޖިސްޓުން ކުރި ދިރާސާތަކުން މިހާތަނަށް ހާމަވި އެއީ ރޯމަން ހަލޯރަތުގެ ދުވަސްވަރު ބޭނުންކޮށްފައިވާ ރުނބައެއް ކަމަށާއި، އެ ރުނބައަށް މިހާރު 1500 އހަރު ވެދާނެ ކަމަށެވެ.