ބޮލީވުޑް

ވާދަވެރިންނަށް ވުރެން އަކްޝޭގެ ފިލްމުތައް މާކާމިޔާބު

Aug 22, 2016
1

މިމަހުގެ 12 ވަނަ ދުވަހު ރިތިކް ރޯޝަންގެ "މޮހެންޖޯ ދަރޯ" އާއެކު ރިލީޒްވި އަކްޝޭ ކުމާރު ނޭވީ އޮފިސަރެއްގެ ރޯލުން ފެނިގެން ގޮސްފައިވާ ފިލްމު "ރުސްތުމް" ބޮކްސް އޮފީހުގައި ރިތިކްގެ ފިލްމަށްވުރެން ފުރަތަމަ ދުވަހުން ފެށިގެން އުޅެނީ ކުރީގަ އެވެ.

ދެފިލްމުގެ ތެރެއިން ބެލުންތެރިންނާއި ކްރިޓިކްސްއިން ތައުރީފުކޮށްފައިވަނީ ހަމައެކަނި އަކްޝޭގެ ފިލްމަށް ނަމަވެސް ފުރަތަމަ މިދެފިލްމުގެ ކުރިމަތިލުން ވަރަށް ގަދަ އެވެ. އަކްޝޭ އާއި އިލިއާނާ ޑިކްރޫޒް ލީޑްރޯލުން ފެނިގެންގޮސްފައިވާ "ރުސްތުމް" އަށް ބެލުންތެރިންނާއި ފިލްމު ކްރިޓިކްގެ ފަރާތުން މާއެދޭ ތައުރީފުތަކެއް ނުލިބުނު ނަމަވެސް ރިތިކްގެ "މޮހެންޖޯ ދަރޯ" އަށް މުޅީން ވެސް ލިބިފައިވަނީ ފާޑުކިޔުންތައް ކަމަށްވުމުން އެފިލްމު ބޮކްސް އޮފީހުގައި ފެއިލް ވާނެކަން މާކުރިން ވެސް އޮތީ ޔަގީންވެފަ އެވެ.

ނުވަ ދުވަސްތެރޭގައި އަކްޝޭގެ ފިލްމަށް 100 ކްރޯޑް (1000 މިލިއަން) ރުޕީޒް ލިބިފައިވާއިރު، މިފިލްމު އުފައްދާފައިވަނީ 50 ކްރޯޑް (500 މިލިއަން) ރުޕިޔާގެ ބަޖެޓަކުންނެވެ. އެހެންކަމުން މިފިލްމަށް ކުރި ހަރަދު ފޫބެދި މިހާރުވެސް ބޮޑު ފައިދާއެއް ވަނީ ލިބިފަ އެވެ. އަދިވެސް މިފިލްމުގެ ދުވެލި މަޑުނުޖެހި ކުރިއަށްދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފިލްމު ހިނގާނެކަމަށް އަންނަނީ ބުނަމުންނެވެެ.

މިއަހަރުގެ މިހާތަނަށް އަކްޝޭގެ ތިން ފިލްމެއް ރިލީޒްވެފައިވާއިރު، މިތިން ފިލްމަށްވެސް މިވަނީ 100 ކްރޯޑް (1000 މިލިއަން) ރުޕީޒް ލިބިގެން ގޮސްފަ އެވެ.

"އެއާލިފްޓް" އާއި "ހައުސްފުލް 3" އަދި "ރުސްތުމް"، މިތިން ފިލްމުގެ ތެރެއިން އެންމެ ފުރަތަމަ 100 ކްރޯޑް ލިބިފައިވަނީ އެންމެފަހުން ނިކުތް "ރުސްތުމް" އަށެވެ. އެއީ ނުވަ ދުވަހުގެ ތެރޭގަ އެވެ. އަދި "އެއާލިފްޓް" އަށް 10 ދުވަސްތެރޭ 100 ކްރޯޑް ލިބިފައިވާއިރު، "ހައުސްފުލް 3" އަށް 100 ކްރޯޑް ލިބިފައިވަނީ 13 ދުވަހުންނެވެ.

މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން 100 ކްރޯޑް އެންމެ އަވަހަށް ލިބިފައިވަނީ ސަލްމާން ޚާންގެ "ސުލްތާން" އަށެވެ. އެފިލްމަށް 100 ކްރޯޑް ލިބިފައިވަނީ އެންމެ ތިން ދުވަހުންނެވެ.

އަހަރެއްގެ ތެރޭގައި ކައިރި ކައިރީގައި ނިކުތް ތިން ފިލްމަށް ވެސް 100 ކްރޯޑަށް ވުރެން ގިނަ އާމްދަނީ އިންޑިއާއިން އެކަނި ލިބި އަކްޝޭ މިވަނީ އޭނާގެ ވާދަވެރި ބޮޑެތި ތަރިންނަށް ވުރެން ކާމިޔާބު ތަރިއަކަށް ބޮކްސް އޮފީހުގައި ވެގެން ގޮސްފަ އެވެ.

"ރުސްތުމް" އަކީ 1959 ވަނަ އަހަރު އިންޑިއާގެ ނޭވި އޮފިސަރަކު އޭނާގެ އަންހެނުންގެ ލޯބިވެރިޔާ މަރާލި ހާދިސާގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވުމުން މިފިލްމުވެގެން ގޮސްފައިވަނީ ގިނަބަޔަކު ޝައުގުވެރިވީ ފިލްމަކަށެވެ.