ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، އެމަނިކުފާނު ހައްޔަރު ކުރުމާ ވިދިގެން އެމްޑީޕީ-ޖޭޕީން އިސްވެ ތިބެ މާލޭގެ މަގުތައް ހަލަބޮލިކޮށް މިއަދު ހަވީރުން ފެށިގެން ގެންދިޔައީ މުޒާހަރާ ކުރަމުންނެވެ.
މުޒާހަރާތައް އެމްއެމްއޭ ކައިރީ ކުރުމަށް ފަހު، މިއަދު ހަވީރުން ފެށިގެން މުޒާހަރާ ވަނީ ސީގަލް ކައިރީގަ އާއި ޗާންދަނީ މަގު ކަންމައްޗަށް ބަދަލުކޮށްފަ އެވެ. އެ މުޒާހަރާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ސިޔާސީ އެހެން ބައެއް ލީޑަރުން މިރޭ ބައިވެރިވި އެވެ. އެ މުޒާހަރާގައި ވަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވައިފަ އެވެ. އަދި މި ސަރުކާރުން ވައްޓާލާފައި ނޫނީ ގެޔަށް ނުވަންނާނެ ކަމުގެ އިންޒާރު ބައިވެރިން ސަރުކާރަށް ދިނެވެ. މީގެ އިތުރުން، ރައީސް ޔާމީން މިހާރު އެ އުޅެނީ ގޮސް ހުސްވެގެން ކަމަށް ވެސް އެ މީހުން ގޮވި އެވެ.
ޗާންދަނީ މަގު ކަންމަތީގައި މުޒާހަރާ ކުރަމުން ގޮސް، ރައީސް ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އަލިކިލެގެފާނު މަގު ކަންމައްޗަށް މުޒާހަރާގެ ބައިވެރިން ޖަމާވެ، ފުލުހުންގެ ސަފުތައް ފޫއަޅުވާލަން އުޅުމުން ހަމަނުޖެހުން ހިނގި އެވެ. އެ ހަމަނުޖެހުންތައް މައިތިރި ކުރީ ޕެޕާ ސްޕްރޭ ޖަހައި އަދި ނުކިޔަމަންތެރިވި ބައެއް މީހުން ހައްޔަރު ކޮށްގެންނެވެ. އެ މީހުންގެ ތެރޭގައި މެދު ހެންވޭރު ދާއިރާގެ މެންބަރު، އަލީ އާޒިމް އާއި އިތުރު ތިން މީހަކު ހިމެނެ އެވެ.
ނަޝީދު ދޫނުކޮށްލަނިސް ގެޔަށް ނުވަންނާނެ ކަމަށް ބުނެ ފެށި މުޒާހަރާތައް ނިންމާލީ މެންދަމު 1:00 އެހާކަން ހާއިރު އެވެ. ނަޝީދުގެ ޝަރީއަތް އޮތީ މާދަމާ ހަވީރު 4:00ގަ އެވެ.