ރާއްޖެއަށް ޓޫރިޒަމުން ލިބޭ ކުރިއެރުންތައް ހުއްޓުވަން ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ދައްކަނީ ހަގީގަތެއް ނެތް ހިޔާލީ ވާހަކަތައް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ހޮސްޕިޓާލިޓީ އޭޝިޔާ މޯލްޑިވްސް އެގްޒިބިޝަން ހުޅުވުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިޔަފާރީގައި ކުރިއަށް ދަނީ "ފިކްޝަނަލް" ވާހަކަ އަށް ބޭސްކޮށްގެން ނޫން ކަމާއި، ޓޫރިޒަމް ހިޔާލީ ސިނާއަތެއް ނޫން ކަމަށެވެ.
"މި [ޓޫރިޒަމް] ސިނާއަތަކީ ރާއްޖެ ހޯދާފައި މިއޮތް ތަރައްގީ. ނުވަތަ ތަރައްގީގެ ތެރެއިން އަޅުގަނޑުމެންނަށް ލިިބިފައި މިވާތަނަވަސްކަމާއި ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެކިއެކި ކުރިއެރުންތަށް ހުއްޓުމެއް ގެނައުމަށްޓަކައި ފިކްޝަނަލް [ހިޔާލީ] އެކިއެކި ވާހަކަތައް އަޅުގަނޑުމެންގެ ތެރެއިން އެކިއެކި މީހުން ގައުމު ބަދުނާމު ކުރުމަށްޓަކައި ދައްކަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް މިއަދަށް ވުރެ ފާގަތި މާދަމާއެއް ގެނެސްދިނުމަށްޓަކައި ކުރާ މަސައްކަތް ކަމަށެވެ.
"އެ މަސައްކަތް އެޖެންޑާއެއް ނުވަތަ މެނިފެސްޓޯއެއްގެ ސިފާގައި ގެނެސް ދެއްވަނީ ރައީސުލް ޖުމްހޫރިއްޔާ. އެއީ ތައުލީމްގެ ސިއްހީ އިގްތިސާދީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް. ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މާދަމާގެ ޖީލްތަކަށް ގެންގޮސް ދިނުން. މީގެ ސަބަބުން އަދަށްވުރެ ފަހި މާދަމާއަކަށް ކުރާ އުންމީދުތަކަށް ހަގީގީ ކުލަ ޖެހެމުންދާ މަންޒަރު މިއަދު ފެންނަމުންދަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ލިބެމުންދާ ތަރައްގީއަކީ ހަގީގަތް ކަމަށާއި، މިއީ ހިޔާލީ ވާހަކަތަކެއް ނޫން ކަމަށެވެ.
"މި ވާހަކަތައް ކޮންމެ ގޮތަކަށް ބައްޓަން ކޮށްފަ ދެއްކިނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ ޓޫރިޒަމް ވޭތުވެދިޔަ 40 އަހަރު ދުވަހު ހޯދި ކާމިޔާބު ދާނީ ކުރިއަށް. މި ކާމިޔާބުތަކާއެކު ރާއްޖެއަކީ ލެޝާ ޓޫރިޒަމްގައި ކުރީގައި އޮންނާނީ،" ސައީދު ވިދާޅުވި އެވެ.