ހަބަރު

ޓެރަރިޒަމް ގާނޫނުގެ ދަށުން ނަޝީދުގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ: ގާސިމް

Feb 22, 2015
2

ޓެރަރިޒަމްގެ ގާނޫނަކީ މިހާރުގެ ގާނޫނު އަސާސީ އަށް ވުރެ، މާ ކުރީގެ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ދަށުން ދައުވާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިރޭ ސީގަލް ކަންމަތީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން، ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އަލުން ދައުވާ ކުރުމުން ރާއްޖޭގައި ތިއްބެވި ފަންނީ ބޭފުޅުން ވެސް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް މިހާރު އިތުބާރު ކުރެވެން ނެތް ކަމަށެވެ. ގާސިމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަކީ މިހާރުގެ ގާނޫނު އަސާސީއަށް އެކަށީގެންވާ ގޮތަށް ލިޔެފައިވާ ގާނޫނު ނޫނެވެ. އެ ގާނޫނުގައި ބޭކާރު މި ޒަމާނަށް ނުފެތޭ ގިނަ ކަންތައްތަކެއް އެކުލެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެން ވީމާ މި ކުރައްވަނީ ހަމަ އަނިޔާ. ރައީސް ނަޝީދު ދޫކޮށްލަން އަޅުގަނޑު ގޮވާލަން. ރައީސް ނަޝީދުގެ މައްޗަށް އެ ގާނޫނުގެ މައްޗަކުން ދައުވާ ނުކުރެވޭނެ. އެއީ މާ ކުރީގެ މި ގާނޫނު އަސާސީއާ ނުގުޅޭ ގާނޫނެއް. އެއީ ރިލެވެންޓް ދައުވާއެއް ނޫން. އެ ދައުވާ އަނބުރާ ގެނެސް ނަޝީދު ބަންދުން ދޫކޮށްލަން އަޅުގަނޑު ގޮވާލަން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ސިޔާސީ ބޭފުޅުންނަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ. އަދި ނާޒިމްއާ މެދުވެސް އަމަލު ކުރަމުން އަންނަނީ އަނިޔާވެރި ގޮތަކަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ނަޝީދުގެ މައްޗަށް ދައުވާއެއް ސާބިތު ނުވާހާ ހިނދު އޭނާ އަކީވެސް އެހެން ރައްޔިތުންނެކޭއެއްގޮތަށް މިނިވަނެއް ކަމަށެވެ. އަދި ނަޝީދު ދައުވާއެއް މީގެ ކުރިން ވެސް ފިލާފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ކޯޓުތަކުން ވެސް ރައްޔިތުން ދަށްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމަށް ވެސް ވައްދާފައެއް ނުވެ އެވެ. އެއީ ނިކަމެތި ކުރުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ބާރު އޮތް މުއައްސަސާތަކުން މިހިރީ ރައްޔިތުން ނިކަމެތި ކޮށްފައި ހުރި މިންވަރަކީ،" ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުން ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބެމުން އަންނަކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ކިތަންމެ ވަރަށް ފައިސާ އެޅިޔަސް އެ މެޖޯރިޓީ ގެއްލެން ދެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް މެންބަރުންގެ ތެރެއިން ހަމަ ގަބޫލު ކުރައްވައި މެންބަރުން އެމްޑީޕީ-ޖޭޕީ ހަރަކާތާ ގުޅެމުން އަންނާނެ އެވެ.

"އެކަމަށް ނުހުއްޓުވޭނެ. އެ މެޖޯރިޓީ ގެއްލޭނެ. މި ރައްޔިތުންނަށް ވަމުން އަންނަ ގެއްލުން އެ ބޭފުޅުންނަށް އެބަ އެނގޭ،" ގާސިމް ވިދާޅުވި އެވެ.