ޕެރިސް (22 އޯގަސްޓް) - ފްރާންސްގައި އަންނަ އަހަރު ބާއްވާ ރިއާސީ ރޭހުގައި ވާދަކުރެއްވުމަށް ޕާޓީގެ ޓިކެޓަށް ނުކުމެ ވަޑައިގަންނަވާނެކަން އެގައުމުގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީ މިއަދު އިއުލާނުކުރައްވައިފި އެވެ.
ސަކޯޒީ މިހާރު ނިސްބަތްވެ ވަޑައިގަންނަވަނީ މިދިޔަ އަހަރުގެ މެއި މަހު އުފެއްދި ދަ ރިޕަބްލިކަންސް ޕާޓީ އަށެވެ. ސަކޯޒީ އަކީ މި ޕާޓީގެ ލީޑަރެވެ. މި ޕާޓީ އުފައްދާފައި ވަނީ ކުރީގެ ޕާޓީ ޔޫނިއަން ފޯ އަ ޕޮޕިއުލާ މޫވްމަންޓް (ޔޫއެމްޕީ) އުވާލުމަށް ފަހު އެވެ.
ޔޫއެމްޕީއާ އެކު ސަކޯޒީ ފްރާންސްގެ ވެރިކަމަށް ވަޑައިގެންނެވީ 2007 ވަނަ އަހަރު އެވެ. އެއަށް ފަހު ސަކޯޒީގެ ވެރިކަން 2012 ވަނަ އަހަރު ނިމުމަކަށް ގެނައީ ސެންޓަ ލެފްޓް ސޯޝިއަލިސްޓް ޕާޓީ (ޕީއެސް) އިންނެވެ.
ވެރިކަމަށް އަލުން ވަޑައިގަތުމުގެ ޝައުގުވެރިކަން ސަކޯޒީ ފާހަގަކުރައްވާފައިވާއިރު ސަކޯޒީ އަކީ ވެސް ވެސް ފްރާންސްގެ އާންމު ތަންތަނުގައި ބުރުގާ އެޅުން މަނާ ކުރުމަށް ތާއީދުކުރައްވާ ލީޑަރެކެވެ. އޭގެ އިތުރުން ފްރާންސަށް ނިސްބަތްނުވާ ދެމަފިރިންނަށް ލިބޭ ކުދިންނަށް އެގައުމުގެ ރަށްވެހިކަން ދިނުމާ ވެސް ދެކޮޅު ބޭފުޅެކެވެ.
ސަކޯޒީގެ ވެރިކަމެއްގައި، ފްރާންސްގެ ސްކޫލްތަކުގެ ކެންޓީނުތަކުގައި "ޕޯކް ފްރީ" އޮޕްޝަން ވެސް އުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ. އޭރުން ސްކޫލްތަކަށް ނިސްބަތްވާ މުސްލިމް އަދި ޔަހޫދީ ދަރިވަރުންނަށް "އޫރުމަސް ފްރީ" ކެއުން ކެންޓީނުތަކުން ލިބެން މަޖުބޫރެއް ނުކުރެވޭނެ އެވެ.
މިފަދަ ވައުދުތަކަކާ އެކު ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ހާމަކުރެއްވި ނަމަވެސް ފްރާންސްގެ ރައްޔިތުންގެ މެދުގައި ސަކޯޒީއަކީ މިހާރު މަގްބޫލު ލީޑަރެއް ނޫނެވެ. އެބޭފުޅާ ނިސްބަތްވެ ވަޑައިގަންނަވާ ކަނާތު ފިޔައިގެ ސިޔާސީ މައިދާނުގައި މި ވަގުތު އެންމެ މަގްބޫލު ލީޑަރަކީ ކުރީގެ ބޮޑުވަޒީރު އަދި ސަކޯޒީގެ ވެރިކަމުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި އެލައިން ޖޫޕް އެވެ.