ބޮލީވުޑް

ބަލިވެއިނަސް "ވީރް ދި ވެޑިން" ކުޅެން ކަރީނާ ތައްޔާރު

Aug 24, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިނާ ކަޕޫރު ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އޭނާގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާން ޔަގީންކޮށްދިނުމާއެކު އެންމެ ގަދަޔަށް ދެކެވިގެން ގޮސްފައިވާ ވާހަކައަކީ ދެން ކަރީނާގެ ފިލްމީ ކެރިއަރަށް ވަނީ ކިހިނެއްތޯ އެވެ.

ކަރީނާ ބަނޑުބޮޑުކަން އިނގުނުއިރު ރީއާ ކަޕޫރާއި އެކްތާ ކަޕޫރުގެ "ވީރް ދި ވެޑިން" ކުޅެން އޭނާ އޮތީ ސޮއިކޮށްފަ އެވެ.

ފަހުން ކަރީނާ މިފިލްމު ނުކުޅޭނެ ކަމުގެ އަޑުތަކެއް އަރާފައިވާއިރު، ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން އޮގަސްޓް މަހުގެ ތެރޭގައި ނެގުމަށްފަހު ފިލްމުގެ ބާކީ ހުރި މަންޒަރުތައް ނަގާނީ ކަރީނާ ވިހައި ގަދަވުމުން ކަމަށް ބުނެފަ އެވެ.

ނަމަވެސް ކުރިން ބުނެވިފައި އޮތް ތާރީހުގައި ފިލްމުގެ ޝޫޓިން ފެށިފައި ނުވާތީ އާއި ކަރީނާގެ ދެވަނަ ޓްރެމިސްޓާ ފެށި އޭނާގެ ބަނޑުވެސް މިހާރު ފާޅުކޮށް އެނގެން ހުންނާތީ މިފިލްމު އޭނާ ނުކުޅެ ދޫކޮށްލައިފި ކަމުގެ ވާހަކަތަކެއް އިއްޔެއިން ފެށިގެން އަންނަނީ ދެކެވެމުންނެވެ.

މިވާހަކަތައް ދޮގުކުރަމުން މިފިލްމުގައި ކަރީނާ އާއެކު ފެނިގެންދާ ބަތަލާ ސޯނަމް ކަޕޫރު ވަނީ ކަރީނާ މިފިލްމުގައި ފެނިގެންދާނެ ކަމަށާއި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ބުނެފަ އެވެ.

ސޯނަމް ވަނީ ކަރީނާ "ވީރް ދި ވެޑިން" ދޫކޮށްލި ކަމުގެ ހަބަރުތައް ލިޔެފައިވަނީ ފިލްމު އުފައްދާ ފަރާތުގެ އެއްވެސް ބަހެއް ނުހޯދާ ކަމަށާއި މިހާރު ހަމަޖެހިފައިވާ ގޮތަށް އޮކްޓޯބަރުގައި ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށްފަހު ކަރީނާ ވިހެއުމާ ހަމައަށް ބްރޭކެއް ނަގާނެ ކަމަށް ބުނެފަ އެވެ. އަދި ޑިސެމްބަރުގައި ވިހެއުމަށްފަހު އަލުން މިފިލްމުގެ ޝޫޓިން ކަރީނާ އަންނަ އެޕްރީލްގެ ތެރޭގައި ފަށާނެ ކަމަށް ވެސް ސޯނަމް ވަނީ ބުނެފަ އެވެ.

ސޯނަމްގެ އިތުރުން ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި އޭނާގެ ކޮއްކޮ ރީއާ ވެސް ވަނީ ކަރީނާ މިފިލްމު ނުކުޅޭނެ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ބުނެފަ އެވެ.

ހުސްބަތަލާއިން ލީޑްރޯލުން ފެނިގެންދާ މިފިލްމުގައި ކަރީނާ އާއި ސޯނަމްގެ އިތުރުން ސްވަރާ ބާސްކަރް އާއި ޝިކާ ޓަލްސާނިއާ ވެސް ފެނިގެންދާނެ އެވެ.

"ހޫބްސޫރަތް" ގެ ޑައިރެކްޓަރު ޝަޝާންކަ ގޯޝް ޑައިރެކްޓްކުރާ މިފިލްމަކީ އިންޑިއާގެ ޒަމާނީ އާންހެނުންނާއި އެމީހުންގެ މިނިވަން ހިޔާލުތައް ވަރަށް ބޮޑަށް ފެނިގެންދާނެ ފިލްމެކެވެ.

މިފިލްމުގެ ވާހަކައެކޭ އެއްގޮތަށް ކަރީނާ އަންނަނީ އޭނާ ބަނޑުބޮޑު ވީއްސުރެން ފިލްމު ކުޅުމާ ދުރަށް ނުދާނެ ކަމަށާއި ފިލްމުތަކުގައި ވެސް އޭނާގެ ބަނޑު ފާޅުވާ މަންޒަރުތައް ކުޅެން ފަސްނުޖެހޭނެ ކަމަށް ބުނަމުންނެވެ. އަދި އޭނާ ބަނޑުބޮޑަސް ފިލްމެއް އޭނާ ލައްވާ ކުޅުވަން ބޭނުން ކޮންމެ ޑައިރެކްޓަރަކަށް އެފުރުސަތު ވެސް އޮތް ކަމަށާއި ބަނޑުބޮޑުވުމަކީ ކެރިއަރު ހުއްޓާލަން ޖެހޭ ކަމެއް ކަމަށް ނުދެެކޭ ކަމަށް ކަރީނާ ވަނީ ބުނެފަ އެވެ.