ދުނިޔެ

ޕާޓީއަކުން ކުރި ހަޅުތާލެއް ކަވަރުނުކޮށްގެން ޓީވީ ސްޓޭޝަނަށް ހަމަލާ ދީފި

Aug 23, 2016
1

ކަރާޗީ (22 އޯގަސްޓް) - ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ މުއްތަހީދާ ގައުމީ މޫވްމަންޓް (އެމްކިއުއެމް) ގެ މެމްބަރުންތަކެއް އެގައުމުގެ ސަލާމަތީބާރުތަކާ ދެކޮޅަށް ކުރިއަށް ގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގެ ޚަބަރު ނުގެނެސްދިން މައްސަލައެއްގައި ރުޅިގަދަވެ، ޕާޓީގެ އެކްޓިވިސްޓުން ކަރާޗީގައި ޓީވީ ސްޓޭޝަނަކަށް ބަޑީގެ ހަމަލާތަކެއް ދީ އެކަކު މަރާލައިފި އެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ލިބޭ ގޮތުން މަރުވި މީހާ މަރުވެފައި ވަނީ ފުލުހުންނާއި އެކްޓިވިސްޓުން ބަދަލުކުރި ހަމަލާތަކެއްގަ އެވެ. އަދި މަރުވެފައި ވަނީ ޕާޓީގެ އެކްޓިވިސްޓެކެވެ.

ޓީވީ ސްޓޭޝަން އޭއާރްވައި އަށް ދިން މި ހަމަލާގައި އެކްޓިވިސްޓުން ވަނީ ފުލުހުންގެ އުޅަނދެއްގައި ވެސް ރޯކޮށްލައިފަ އެވެ. ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ޕާކިސްތާނު ފުލުހުންގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެމްކިއުއެމްގެ އެކްޓިވިސްޓުން ޓީވީ ސްޓޭޝަނަށް ބަޑިން ހަމަލާ ދީ އެތަނަށް ގެއްލުންތަކެއް ދީފައި ވަނީ އެ ޕާޓީގެ ލީޑަރު އަލްތާފް ހުސެއިންގެ އޯޑަރަށް ކަމަށެވެ. އޭނާ އަކީ ލަންޑަނުގައި ދިރިއުޅުއްވާ ފަރާތެކެވެ.

އެމްކިއުއެމް އަކީ ކަރާޗީގައި ނިކަން ބާރުގަދަ ސިޔާސީ ޕާޓީ އެކެވެ. އަދި މީހުންނަށް ބިރުދެއްކުމާއި މީހުން ވަގަށް ނަގައި އަނިޔާކުރުމާއި މީހުން މެރުމުގެ ތުހުމަތު ވެސް ކުރެވޭ ޕާޓީއެކެވެ. އެކަމަކު އެފަދަ ތުހުމަތުތަކަށް ޕާޓީ އިން ދެކޮޅުހަދަ އެވެ. --ބީބީސީ