އޭއެފްސީ ކަޕްގެ ގުރޫޕް އެޗްގައި ދިވެހި ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓް ކުޅެންޖެހޭ ފުރަތަމަ މެޗުގައިި އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގްއާ ދެކޮޅަށް ނުކުތުމަށް ނިއު އިންޑޮނޭޝިއާ އަށް ރޭ ފުރައިފި އެވެ.
ގުރޫޕް އެޗްގައި ބުދަ ދުވަހު އިންޑޮނޭޝިއާ ލީގު ޗެމްޕިއަން ޕެރްސިބްއާ ދެކޮޅަށް ނުކުންނައިރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ނިއުގެ ކޯޗު މިކާ ލޮންސްޓްރޮމް ވަނީ ބުނެފަ އެވެ.
"އަހަންނަށް ވަރަށް އިތުބާރު އެބައޮތް،" ފުރުމުގެ ކުރިން މިކާ ބުންޏެވެ. "ދިގު ދަތުރެއްކޮށްފައި މި މެޗަށް ކުރިމަތިލާއިރު އަހަރެމެންގެ ޓްރެއިނިންތަކާއި ކެއުން ވެސް ބަހައްޓަންޖެހޭނީ ވަރުބަލިކަން ކުޑަކުރެވޭ ގޮތަކަށް. ފާއިތުވި ދެ ދުވަހު އަހަރެމެން ވަރަށް ރަނގަޅަށް ޓްރެއިންކުރިން. ވާދަވެރި މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ކުޅުންތެރިންތަކެއް އެބަތިބި ޓީމުގައި. އެ ކުޅުންތެރިންނަށް ވަގުތު ބޭނުންވާނެ."
ގުރޫޕް އެޗްގައި ދެން އޮތީ ލާއޮސްގެ ލާއޯ އެފްސީ އާއި މިޔަންމާގެ އަޔެވާދީ ޔުނައިޓެޑެވެ.
ޕީޕަލްސް ކަޕްގައި ކުރިމަތިވި ނާކާމިޔާބާ ގުޅިގެން ނިއު އިން ވަނީ އޭއެފްސީ ކަޕްގެ ކުރިން ސްކޮޑަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ޓީމަށް ގެނައި ބްރެޒިލްގެ ދެ ފޯވަޑުންނާއި ސްޕެއިންގެ ގޯލްކީޕަރު އަދި ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު އެ ކްލަބުން ވަނީ ދޫކޮށްލައިފަ އެވެ. ނިއު އިން ވަނީ މި ކުޅުންތެރިން ދޫކޮށްލުމަށް ފަހު، އުޒްބެކިސްތާންގެ ގޯލްކީޕަރަކާއި ސްލޮވާކިއާގެ މިޑްފީލްޑަރަކާއި ނައިޖީރިއާގެ މިޑްފީލްޑަރެއް އަދި އިންގްލެންޑްގެ ފޯވަޑެއް ގެނެސްފަ އެވެ.
އޭއެފްސީ ކަޕްގައި ވާދަކުރާ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ގުރޫޕް އީގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ އިންޑިއާގެ ބެންގަލޫރު އެފްސީއާ ރަށުން ބޭރުގައި ވާދަކުރާނެ އެވެ.