ދުނިޔެ

ޕާކިސްތާނު އެއާޕޯޓްތަކާއި ނުލައި ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސަން އިންޑިއާގެ އަމިއްލަ އެއާލައިންތަކުން އެދެފި

Aug 23, 2016

އިންޑިއާ އާއި ޕާކިސްތާންގެ މަސްރަހު ހޫނުވެފައިވާތީ ޕާކިސްތާންގެ އެއާޕޯޓްތައް ބޭނުން ނުކޮށް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އިންޑިއާގެ ސަރުކާރަށް އެ ގައުމުގެ އަމިއްލަ އެއާލައިންތަކުން ގޮވާލައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ ގައި މިއަދު ބުނެފައިވަނީ ގަލްފް ސަރަހައްދަށް ދަތުރު ކުރާއިރު ޕާކިސްތާންގެ އެއާޕޯޓްތައް ބޭނުން ނުކޮށް ދަތުރު ކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖައްސައިދިނުމަށް އަމިއްލަ އެއާލައިންތަކުން ސަރުކާރުގައި އެދިފައިވާ ކަމަށެވެ.

އެ ރިޕޯޓްގައިވާ ގޮތުން އެގޮތަށް އެދުނީ އެއީ ސަލާމަތީ ސަބަބުތަކާއި ހަރަދުތަކުން ވެސް ސަލާމަތްކޮށްދޭނެ ކަމަކަށްވާތީ އެވެ.

އިންޑިއާގެ އެންމެ ބޮޑު އެއާލައިންތައް ކަމަށްވާ ސްޕޭސް ޖެޓާއި އިންޑިގޯ އާއި ޖެޓް އެއާވެސް އަދި އެއާ އިންޑިއާ ހިމެނޭ ގޮތުން އިންޑިއާގެ ސަރުކާރުގައި އެދިފައިވާ މި އެދުމުގައި، ގަލްފް ސަރަހައްދަށް ދަތުރު ކުރާއިރު، އަރަބި ކަނޑުގެ ސަރަހައްދުން އިންޑިއާގެ ހުޅަނގުގައިވާ އެއާޕޯޓްތައް ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ވެސް އެދިފައި ވެއެވެ.

ސްޕޭސް ޖެޓުން އެދިފައިވަނީ އެއާލައިން ބޭނުން ކުރަން ފަސޭހަ ވާނެ ގޮތެއްގެ މަތިން އަހްމަދު އާބާދު އެއާޕޯޓުން ޑައިރެކްޓް ފުލައިޓް ގަލްފްގެ ގައުމަކަށް ބޭއްވުމުގެ ހުއްދަ ދިނުމަށެވެ.

މިގޮތަށް އެދުމުގައި ސްޕޭސް ޖެޓުން ދެ ސަބަބެއް ފާހަގަ ކޮށްފައިވެއެވެ. އެއީ ގަލްފަށް ކުރާ ދަތުރުތަކަށް ހޭދަ ކުރާ އެއް ލައްކަ އިންޑިއާ ރުޕީގެ ހަރަދުން ސަލާމަތްވެ، ދަތުރުވެރިން އަތުން ނަގާ ފިއުލް ޗާޖް ކުޑަ ކުރުމުގެ ފުރުސަތު ތަނަވަސްވުމެވެ.

މިކަމާ ބެހޭގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓްރީން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.