ރައީސް އޮފީސް

ރިޕޯޓަށް ކޮމެންޓް ހޯދަން އެދެފި، ސަރުކާރުން ޖަވާބު ދޭނެ: ޝިހާބު

Aug 23, 2016

އަލް ޖަޒީރާއިން ތައްޔާރުކުރާ ރިޕޯޓަށް ދިވެހި ސަރުކާރުގެ ކޮމެންޓެއް ހޯދަން އެ ރިޕޯޓް ތައްޔާރު ކުރާ ފަރާތުން އެެދެފި އެވެ.

ރައީސް އޮފީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސައިން ޝިހާބު މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ރިޕޯޓް ތައްުޔާރު ކުރުމުގައި ސަރުކާރުގެ ކޮމެންޓް ހޯދާފައި ނުވާ ކަމަށާއި ރިޕޯޓް ތައްޔާރު ކުރާ ފަރާތުން އެފަދަ މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވަނިކޮށް މިދިއަ އާދިއަތަ ދުވަހު އެ ފަރާތުން ރައީސް އޮފީހަށް އީމެއިލެއް ފޮނުވާ ޖާބުތަކެއް ހޯދަން އެދި ޕޮއިންޓް ތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ ފަރާތުން ހުށަހެޅި ޕޮއިންޓްތަކުގެ ތަފުސީލެއް ޝިހާބު ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ އެއީ ސުވާލުތަކެއްގެ ގޮތުގައ ފޮނުވާފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ އެއީ "ރެސްޕޮންސް ކޮށްދިނުމަށް ހުށަހަޅާފައިވާ ޕޮއިންޓްތަކެއް" ކަމަށެވެ.

"އީމޭލް މެދުވެރިކޮށް ހުށަހަޅާފައި ހުރި ޕޮއިންޓްތައް ބަލައިފިން، އެއަށް އަދި ޖަވާބެއް ނުދެން. އެކަމަކު ދިވެހި ސަރުކާރުން އަށް ޖަވާބު ދޭނެ،" ޝިހާބު ވިދާޅުވި އެވެ.

"ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި ނެރޭ މި ރިޕޯޓަކީ މި މަހުގެ 30 ވަނަ ދުވަހު ލަންޑަންގައި ޕްރިމިއާ ކުރާ ރިޕޯޓެއް ކަމަށް ސޯޝަލް މީޑިއާގައި ދައުރުކުރަމުން އޮންނަ ޕޯސްޓަރެއްގައި ވެއެވެ.