ވޮޝިންޓަން (24 އޯގަސްޓް) - ހަގީގަތް އޮޅުވާލައިގެން، އަބުރު ނަގާލާފައިވާ ކަމަށް ބުނެ އިނގިރޭސި ވިލާތުގެ މަޝްހޫރު ޓެބްލޮއިޑް، ޑެއިލީ މެއިލް އާއި އިތުރު ނުވަ ނޫހަކަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިއާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ އަނބިބިކަނބަލުން، މެލާނިއާ ޓްރަމްޕް އެންމެ ފަހުގެ އިންޒާރު ދެއްވައިފި އެވެ.
ޑެއިލީ މެއިލް އާއި ދަ ވީކް އަދި ޕޮލިޓިކޯގެ އިތުރުން އިންކްއިސްޓާ އާއި ޓާޕްލޭ އާއި ބިފޯ އިޓްސް ނިއުސް އަދި ލިބަރަލް އެމެރިކާ އާއި ލޯ ނިއުސް އާއި ވިނިން ޑިމޮކްރޭޓްސް އަދި ބައިޕާޓިސަން ރިޕޯޓް ނަމަކަށް ކިޔާ ނޫސް މަޖައްލާތައް ގޮވައިގެން ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު މެލާނިއާގެ ގާނޫނީ ޓީމުން ދީފައި ވަނީ އޭނާ އަކީ ކުރިން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުއްވި ފަރާތެއް ކަމަށް ތުހުމަތުކޮށް ފެތުރި ރިޕޯޓަކާ ގުޅިގެންނެވެ. މި ރިޕޯޓެއް އެންމެ ފުރަތަމަ މީގެ ތިން ދުވަސް ކުރިން ފެތުރީ ޑެއިލީ މެއިލް އިންނެވެ.
ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާއިވާ ގޮތުން ނިއު ޔޯކްގެ މޮޑެލިން އެޖެންސީއަކަށް މެލާނިއާ ކުރިން މަސައްކަތްކުރެއްވިއިރު އެ އެޖެންސީއަކީ މަހުޖަނުންނަށް "އެސްކޯޓް ސާވިސް" ވެސް ފޯރުކޮށްދިން ބައެކެވެ. މި ގޮތަށް ޚަބަރު ފަތުރައި މެލާނިއާ ވެސް އެ އެޖެންސީގެ ދަށުން "އެސްކޯޓެއް" ގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައި ވަނީ ސްލޮވީނިއާގެ މަޖައްލާއަކާ ހަވާލާދީ އެވެ.
އެއަށް ފަހު އެކި ނޫސް މަޖައްލާތަކުން ވަނީ ޑެއިލީ މެއިލްގެ ޚަބަރު އެގޮތުގައި ފަތުރައިފަ އެވެ.
އަބުރު ނަގާލި މައްސަލާގައި ނޫސްތަކާ ދެކޮޅަށް ދައުވާކުރައްވާނެ ކަމުގެ އިންޒާރު މެލާނިއާ ދެއްވާފައިވާއިރު އެކަމަނާގެ ގާނޫނީ މި ޓީމުގައި އިސްކޮށް އުޅުއްވަނީ، އެމެރިކާގެ ސެލެބްރިޓީ ރެސްލާ ހަލްކް ހޯގަންގެ އަބުރު ނަގާލި ކަމަށް ބުނެ އޮންލައިން މީޑިއާ، ގޯކާއާ ދެކޮޅަށް ވެސް ދައުވާކުރި ގާނޫނީ ޓީމުގެ އިސް ވަކީލު ޗާލްސް ހާޑާ އެވެ. އެ ކޭސް ކާމިޔާބުކޮށް ހަލް ހޯގަން އަށް 135 މިލިއަން ޑޮލަރުގެ ބަދަލު ނަގައިދީފައިވާއިރު ގޯކާ މީޑިއާ ވަނީ މިހާރު ބަނގުރޫޓުވެގެން ހުއްޓާލައިފަ އެވެ.
ޑެއިލީ މެއިލް އާއި އިތުރު ނޫސްތަކަށް މެލާނިއާގެ ފަހުގެ އިންޒާރު ދީފައިވާއިރު، ގާނޫނުގައި އޮންނަ ގޮތުން ޚަބަރު އިސްލާހުކުރުމަށް އެ ފަރާތްތަކަށް މި ފުރުސަތުގައި ވަގުތު ލިބޭނެ އެވެ. ނުވަތަ އެ ޚަބަރެއް ވެބްސައިޓަކުން ނެގުމުގެ އިހްތިޔާރު ވެސް ދޭނެ އެވެ.
ޑެއިލީ މެއިލް އިން މި މައްސަލާގައި މިހާތަނަށް މައާފަށް އެދިފައިނުވި ނަމަވެސް ބައެއް އެހެން ނޫސްތަކުން ވަނީ މިހާރު މައާފަށް އެދި ޚަބަރު ނަގައިފަ އެވެ. --ސީއެންއެން