ދުނިޔެ

ބިލް ގޭޓްސްގެ އަގު 90 ބިލިއަން ޑޮލަރަށް

Aug 24, 2016
1

ވޮޝިންޓަން (24 އޯގަސްޓް) - މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ މިލްކިއްޔާތުގެ ޖުމްލަ 90 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ.

މިލްކިއްޔާތުގެ އަދަދުން ބިލިއަނަރުން ތަރުތީބުކުރާ ބްލޫމްބާގްސް ބިލިއަނާ އިންޑެކްސްގެ ހިސާބުތައް ދައްކާގޮތުން މި ކުރިއެރުމާ އެކު، އުމުރުން 60 އަހަރުގެ ބިލް ގޭޓްސް ވަނީ އޭނާއާ އެންމެ ގާތުން ވާދަކުރަމުން ދިޔަ ސްޕެއިންގެ ބިލިއަނަރު އަމާންޝިއޯ އޯޓޭގާއާ ފެޔަށް ޖެހިލައިފަ އެވެ. ދެ ވަނަ އަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި އޯޓޭގާގެ މިލްކިއްޔާތުގެ ޖުމްލަ އަރަނީ 76 ބިލިއަން ޑޮލަރަށެވެ.

ބިލް ގޭޓްސްގެ މުއްސަނދިކަން މައްޗަށް ޖެހިލާފައި ވަނީ މައިކްރޮސޮފްޓްގެ ވިޔަފާރި ނުވަތަ ހިއްސާގެ އަގު މަތިވެގެންނެއް ނޫނެވެ. އޭނާ އަށް އިތުރު ފައިސާތަކެއް އޮހެމުން ދަނީ ހިއްސާ ބައްލަވައިގެންފައިވާ ކެނޭޑިއަން ނެޝެނަލް ރެއިލްވޭ ކުންފުންޏާއި ކޮމްޕެނީ އެންޑް އިކޯލެބް ނަމަކަށް ކިޔާ ކުޑަ ކުންފުންޏެއްގެ ހިއްސާތައް މައްޗަށް ޖެހިލައިގެންނެވެ.

ބްލޫމްބާގް އިންޑެކްސްގެ ހިސާބުތަކުން ބިލް ގޭޓްސްގެ ޖުމްލަ 90 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާއިރު ފޯބްސްގެ ހިސާބުތަކުގައި ބިލް ގޭޓްސްގެ މިލްކިއްޔާތުގެ ޖުމްލަ އަކީ 78.7 ބިލިއަން ޑޮލަރެވެ. ބްލޫމްބާގުން ބުނަނީ ގޭޓްސްގެ މިލްކިއްޔާތަށް މި އަހަރުގެ މިހާތަނަށް 6.2 ބިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށެވެ.

ގޭޓްސްގެ މުއްސަނދިކަން 100 ބިލިއަން ޑޮލަރާ ގާތަށް ޖެހިލާފައިވާއިރު 1999 ވަނަ އަހަރު އޭނާގެ މިލްކިއްޔާތުގެ ޖުމްލަ 100 ބިލިއަން ޑޮލަރަށް އެރި ކަމަށް ބުނެވެ އެވެ.

އެންމެ މުއްސަނދި މީހުންގެ ލިސްޓްގެ ތިން ވަނަ ލިބެނީ އެމޭޒަންގެ ސީއީއޯ ޖެފް ބީޒޮސް އާއި ވޮރެން ބަފެޓަށެވެ.