"ޓްރޭން ވިތް އެމްޗީ ޗެމްޕްސް" ޕްރޮގްރާމަކީ އެތުލީޓުންނަށް ވަރަށް މުހިންމު ހަރަކާތެއް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދަޅުވެއްޖެ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) އިސް ނަންގަވައިގެން އެތުލީޓުންނާއެކު ފެއްޓެވި އެމްވީ ޗެމްޕްސް ޕްރޮގްރާމްގައި އޭނާ ވަނީ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސުންނަށް ރާއްޖެއަށް މެޑަލް ހޯދާފައިވާ އެތުލީޓުންނާއެކު ޓްރޭން ވުމުގެ ޗެލެންޖެއް ހުޅުވާ ލައްވާފަ އެވެ.
އެގޮތުން މިއަހަރު ބޭއްވި ދެކުނު އޭޝިއާގެ އޮލިމްޕިކްސް މުބާރާތުގައި 200 މީޓަރު ފެތުމުން ރާއްޖެއަށް ބްރޯންޒް މެޑްލް ހޯދި ފެތުންތެރިޔާ އާމިނަތު ސަޖަން އާއެކު މިއަދު ޓްރޭނިން ހެއްދެވީ ކުރީގެ ރައީސް ވަހީދެވެ.
ސަޖަންއާ އެކު ކުރިއަށް ގެންދިޔަ ފަރިތަކުރުން ތައްކަށްފަހު ރައީސް ވަހީދު ވިދާޅުވީ އެތުލީޓުންނާއެކު ޓްރޭން ކުރެއްވުމަށް ފެއްޓެވި އެމްވީ ޗެމްޕްސް ޕްރޮގްރާމަކީ އެތުލީޓުންނައްޓަކައި ވަރަށް މޮޅު ކަމެއް ކަމެއް ކަމަށެވެ.
"ކުޑަ އިރުންސުރެ ފަތަންދަސްވެފައި ހުރީ އެހެން ގޮތަކަށް، ޓްރޭން ކޮށްލީމާ އެބަ އެނގޭ ޕްެރޮފިޝަނަލް ސްވިމިންގައި އަތާއި ފައިގެ ހަރަކާތް ގެންގުޅެންވީ ގޮތާއި ނޭވާލާން ޖެހޭ ގޮތް ވެސް، ކުޑަ އިރުންސުރެ މި ހުނަރު ތަކާއެކު ކުދިންނަށް ފަތަން ދަސްކޮށްދޭންވީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ފެތުމުގެ ވާދަވެރިކަން ބޮޑުވަމުން އަންނަ އިރު ސްވިމިން ޕޫލެއް ރާއްޖެއަށް ވަރަށް މުހިންމު ކަމަށެވެ.
އަދި ވިދާޅުވީ އޮލިމްޕިކް ޕޫލެއް އެޅުއްވުމުގެ ޕްލޭން ސަރުކަރުތަކުން ގެންގުޅޭތާ އެތަކެއް ޒަމާންތަކެއް ވެއްޖެ ކަމަށާއި، ތަފާތު އެކި ސބަބުތަކާ ހެދި އެކަން މިހާތަނަށް ނުވެ އޮތީ ކަމަށެވެ.