ރާއްޖެ ކުޅިވަރު

ރައީސް ވަހީދާއެކު ތަމްރީނު ހެދުމަކީ ޝަރަފެއް: ސަޖަން

Aug 25, 2016
1

"ޓްރޭން ވިތް އެމްޗީ ޗެމްޕްސް" ޕްރޮގްރާމްގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއެކު ތަމްރީނު ހަދަން ލިބުނުކަން އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ރާއްޖޭގެ އެންމެ ބާރު އަންހެން ފެތުންތެރިޔާ އާމިނަތު ސަޖަން ބުނެފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) އިސް ނަންގަވައިގެން އެތުލީޓުންނާއެކު ފެއްޓެވި ޓްރެއިން ވިތް އެމްވީ ޗެމްޕްސް ޕްރޮގްރާމްގެ ތެރެއިން ކުރީގެ ރައީސުންނަށް ހުޅުވާލި ފުރުސަތުގައި ކުރީގެ ރައީސް ވަހީދުއާއެކު މިއަދު ހެނދުނު ބޭއްވި ފަރިތަކުންތަކަށްފަހު ނޫސްވެެރިންނާ ވާހަކަ ދައްކަމުން ސަޖަން ބުނީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކާއެކު ޓްރޭން ވެލަން ލިބުމުން އުފާވި ކަމަށާއި އެއީ ވަރަށް ބޮޑު ފަހުރަކާއި ޝަފަރެއް ކަމަށެވެ.

"ވަރަށް އުފާވޭ ހުރިހާ ރައީސުން މަރޭގެ ޗެލެންޖް ގަބޫލުކޮށް ޓްރޭންއަށް ނިކުންނެވީތީ. މިއީ ރާއްޖޭގެ ކުޅިވަރު ކޮމިޔުނިޓީއަށް ލިބުނު ވަރަށް ބޮޑު ހިތް ހަމަޖެހުމަކަށް ވާނެ،" ސަޖަން ބުންޏެވެ.

އޭނާ ބުނީ ރައީސްކަން ކުރެއްވި ބޭފުޅަކު ޓްރެކަށް ފައިބައި ޓްރޭން ކުރުމަކީ ރާއްޖޭގެ ހުރިހާ ފެތުންތެރިންނަށް ވެސް ލިބުނު ޝަރަފެއް ކަމަށެވެ.

"އޮލިމްޕިކް ސައިޒުގެ ޕޫލެއް ނުލިބުނަސް، އެންމެ ކުޑަމިނުން އަޅުގަނޑުމެން ޓްރޭނިންތައް ކުރިއަށް ގެންދަން ޕްލޭއް އެޅިއްޖެ ނަމަވެސް އެވާނެ ސްވިމިން އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް. ޒުވާން ފެތުންތެރިންގެ ތެރޭގައި އެބަތިބި ވަރަށް ހުނަރުވެރި ކުދިން،" ސަޖަން ބުންޏެވެ.

"އުންމީދު ކުރަން ކުރީގެ ރައީސުން އައިސް ޓްރޭން ކުރެއްވުމުން އެފަދަ ކަންކަމަށް މަގުފަހިވާނެ ކަން،" ސަޖަން ބުންޏެވެ.