ދުނިޔެ

އިޓަލީގެ ބިންހެލުމުގައި 240 އަށް ވުރެ ގިނަ މަރު

Aug 25, 2016

އިޓަލީ ވެރިރަށް ރޯމްގެ އުތުރު އިރުމަތިން 65 މޭލް ދުރުގައިވާ ސަރަހައްދަށް ރާއްޖޭ ގަޑިން މިއަދު ހެދުނު 6:36 ގައި އައި 6.2 ގެ ބާރު ބިން ހެލުމާ ގުޅިގެން 240 މީހުންނަށް ވުރެ ގިނައިން މަރުވެފައިވާ ކަމަށް މީހުން ސަލާމަތް ކުރުމުގެ ހަރަކާތްތެރިވާ ޓީމުން ބުނެފިއެވެ.

ރެސްކިޔު ޓީމުން ލަފާ ކުރާ ގޮތުގައި މިހާރަށް ވުރެ ގިނަ އަދަދެއްގެ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެގެން މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ރެސްކިޔު ޓީމުގައި ޖުމުލަ 4300 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިޓަލީގެ ހެލްތު މިނިސްޓްރީން ބުނީ މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަ ކުދިން ކަމަށެވެ.

ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ބިންހެލުމުގެ ފަހުންވެސް ކުދިކުދި ހެލުންތައް އެސަރަހައްދަށް ވަނީ އައިސްފައެވެ.

"ބިން ހެލުމަށްފަހު އަހަރެމެންނަށް ހިޔާވައްސަކަށް ލިބުނީ ކާރެއް. އަހަރެމެން ތިބީ ކާރުގެ އެތެރޭގައި ނިދާފައި. ބިންހެލުމަށްފަހު އައި ކޮންމެ ހެލުމުގައި ކާރުވެސް ދެ ފަރާތައް ހެއްލިގެންދޭ. އެންމެ ބޮޑު ހެލުމުގައި ކާރުވެސް ހިސަބަކަށް ދުއްވައިގަތް" ބިން ހެލުމުގެ ހާދިސާއިން ސަލާމަތްވި މޮނިކާ ބުންޏެވެ.

އިޓަލީގެ ބޮޑުވަޒީރު މަޓާއޯ ރެންޒީ ވަނީ މިއަދު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައި، ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނާއި އެސަރަހައްދު އާބާދު ކުރުމުގެ މަސައްކަތައް ވަޒީރުން ހިމެނޭ ޓާސްކްފޯސްއެއް އެކުލަވާލާފައެވެ.