ރާއްޖޭގެ ފުޓްބޯޅަ މާކެޓް ކުރުމަށް އެފްއޭއެމްއިން ވަނީ އާ ޕްލޭނެއް އެކުލަވާލަފައެވެ. އެ ޕްލޭންގެ ދަށުން އެންމެ ފުރަތަމަ އޮތީ 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދީ ޓީމާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމު އަންނަ ހޯމަ ދުވަހުގެ ރޭ ކުޅޭ މެޗެވެ.
އެ މެޗަށް އެފްއޭއެމް އިންް ވަނީ ދުނިޔޭގެ މަޝްހޫރު ތަރިންކަމަށްވާ ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އާއި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ފަބިއަން އަޔާލާއަށް ދައުވަތު ދީފައެވެ. އަދި ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ކޯޗް ސޮލަވާކިއާގެ ޖޯސެފް ޔަންކޭޒް އަށްވެސް ވަނީ މެޗަށް ދައުވަތު ދީފައެވެ. މިމެޗްގައި ސަޕޯޓް ކުރުމަށްޓަކައި މިނިވަން ޗެމްޕިއަންޝިޕްގައި ތަފާތު ސަޕޯޓެއް ދިން ހދ. ކުޅުދުއްދުށީގެ ސަޕޯޓަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެމެޗަށް ގެނައުމަށް އެފްއޭއެމް އިން ވަނީ ހަމަޖައްސާފައެވެ.
ޒަވީ އާއި އަޔާލާ އަދި ޔަންކޭޒް ގެ އިތުރުން ކުޅުދުއްދުށީ ސަޕޯޓަރުން މާލެ ގެނައުމުގެ ކަންކަން އެފްއޭއެމް އިން ބަލަހައްޓަނީ "ސްޕޮންސަރުންގެ އެހީ ތެރިކަމާއެކު" ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވަނީ ވިދާޅުވެފައެވެ. އެގޮތުން އެގްޒިބިޝަން މެޗާއި އަންނަ މަހު އެއް ވަނަ ދުވަހު ބަނގުލަދޭޝްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް އެފްއޭއެމް އިން ވަނީ ސްޕޮންސަރުންގެ އެހީތެރިކަން ހޯދާފައެވެ.
މި ދެ މެޗް ސްޕޮންސާ ކުރުމަށް އެފްއޭއެމް އިން ވަނީ ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ބްރޭންޑްތަކަށް ދައުވަތު ދީފައެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ޖުމޭރާއިން ވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން އެ މެޗަށް ސްޕޮންސާ ދިނުމަށް އެފްއޭއެމްއާއެކު އެއްބަސްވެފައެވެ.
"މީ ރާއްޖޭގެ ތާރީހް ގައިވެސް ފުރަތަމަ ފަހަރު ޓުއަރިޒަމް ދައިރާގެ އެންމެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ފުޓްބޯޅައަށް ސްޕޮންސަ ފޯރުކޮށްދޭ. މީފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެފްއޭއެމް ފަށައިފައިވާ މަސައްކަތުގެ ރަނގަޅު ފެށުމެއް. ސްޕޮންސަރުންނާއެކު ސޮއި ކުރުމަށް އެފްއޭއެމް އިދާރާގައި ބޭއްވި ރައްމިއްޔާތައްފަހު މީޑިއާއާ ވަހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.
ޖުމޭރާގެ އިތުރުން އުރީދޫ އާއި އެސްޓީއޯ އާއި އެލައިޑް އިންޝިއުރެންސާއި ވިލާ ޓްރެވަލްސް އާއި އޯލް ސްޕޯޓްސް އިން ވަނީ ކުރިއަށް އޮތް ދެ މެޗަށް ސްޕޮންސާ ދިނުމަށް މިއަދު އެފްއޭއެމް އާއެކު އެއްބަސް ވުމުގައި ސޮއިކޮށްފައެވެ.