އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރި ހޯދައި ޓީސީ އިން ޕޮއިންޓްގެ ގޮތުން ތާވަލުގެ ދެ ވަނައިގައި އޮތް އީގަލްސްއާ އަރައި ހަމަކޮށްފި އެވެ.
ދެ ވަނަ ބުރުގައި މިދިޔަ ހޯމަ ދުވަހު ހަވީރު ޔޫވީ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން ޓީސީ ވަނީ އެޓީމު އަތުން ބަލިވެފަ އެވެ. ޔޫވީ އަތުން ބަލިވުމުން، މިއަދުގެ މެޗުން މޮޅުވެ އެކަމަށް ބަދަލު ހިފައި ހޯދި ތިން ޕޮއިންޓާއެކު ޓީސީ ވަނީ 27 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނައިގައި އޮތް އީގަލްސްއަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބޭއިރު، އީގަލްސް އަށް ކުރި ލިބެނީ ފައިދާ އެންމެ ގޯލެއްގެ ތަފާތުންނެވެ.
ނަމަވެސް މިރޭ އީގަލްސް ބީޖީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އަލުން ޓީސީ އާ ޕޮއިންޓްގެ ގޮތުން ފެޔަށް ޖެހިލެވޭނެ އެވެ.
މެޗްގެ 40 ވަނަ މިނެޓްގައި ޓީސީގެ ފުރަތަމަ ލަނޑު ޔޫވީގެ ކީޕަރު މުހައްމަދު އަލް ޔޫސުފް ކަޓްވާލުމަށްފަހު ކާމިޔާބު ކުރީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އެވެ.
އޭގެ ކުޑަ އިރު ކޮޅެއް ފަހުންވެސް ޓީސީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ނާއިޒު ހުރަސް ކޮށްދިން ބޯޅާ ގޯލް ކުރިމަތީގައި ހުރެފައި އަހްމަދު އަބްދުﷲ (ލިލީ) ފޮނުވާލި ނަމަވެސް، އެބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފު ފެށިތާ މާ ގިނަ އިރެއް ނުވެ ސެންޓޭ އަށް ވަނީ ހުހަށް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން އޭނާއަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ފޮނުވާލަން އުޅުމުން ޔޫވީގެ ޑިފެންޑަރުން ވަނީ އެބޯޅަ އޭނާ ޖަހަޖަހައި އޮއްވާ ކޯނަރަކަށް ބޭރު ކޮށްލާފައެވެ.
މެޗްގައި ޔޫވީ އެއް ވަރު ކުރި ލަނޑު 65 ވަނަ މިނެޓްގައި ރަފޭލް ބެޓިއަމް މާޓް (ރަފީނިއާ) ކާމިޔާބު ކުރީ ޓީސީގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން ޓީސީގެ ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
ޓީސީ މެޗުން މޮޅުވި ލަނޑު ޝަމްވީލް ގާސިމް (ބޮންޑާ) ކާމިޔާބު ކުރީ ޔޫވީގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ސެންޓޭ ފޮނުވާލުމުން ޔޫވީގެ ކީޕަރު މުހައްމަދު އަލް ޔޫސުފް ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗަށް ފަހު އަވަސް އާ ވާހަކަ ދައްކަމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) ބުނީ "ކުރީ މެޗް އެންމެ ފަހު ވަގުތު ޔޫވީ އަތުން ބަލިވުމުން، މިއަދުގެ މެޗްގައި މޮޅުވުމަށް ކުޅުންތެރިން މެޗަށް ނިކުތީ އާ ރޫހެއްގައި" ކަމަށާއި "މެޗުން މޮޅުވީ ކުޅުންތެރިން މެޗުން މޮޅުވުމަށް ފޯކަސް ކޮށްގެން ކުރި މަސައްކަތުން" ކަމަށެވެ.
މިއަދުގެ މެޗަށް ފަހުވެސް، ދެ ޓީމުގެ ކޯޗުން މެޗާ ބެހޭގޮތުން ދެކޭ ގޮތް ހާމަ ކުރުމަށް ބާއްވަން ޖެހޭ ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސް ބާއްވާފައެއް ނުވެއެވެ.