ފިނިޕޭޖް

ރެސިޕީ: ބޭކެޑް ބްރަންޗް އޮމްލެޓް

Aug 26, 2016

އަނެއްކާވެސް ހުކުރު ދުވަހާ ހަމައަށް އައީ އެވެ. ވަރުބަލި ފިލުވާލާ ގޭގައި ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރަންވީ މިއަދެވެ. އެހެންވީމަ ހެނދުނުގެސަޔަށް މާގިނަ ވަގުތެއް ހޭދައެއް ނުކުރެވޭނެ އެވެ. އެހެންވީމަ ބޭކެޑް ބްރަންޗް އޮމްލެޓް ކިހިނެއްވާނެ ހެއްޔެވެ؟ މާގިނަ އެއްޗެއްވެސް އަދި ވަގުތެއްވެސް ބޭނުމެއް ނުވާނެ އެވެ.

ބޭނުންވާ ތަކެތި

- ޕާން
- ޗީޒް (ގާނާފައި)
- ކުކުޅުމަސް (ކޮށާފައި)
- 8 ބިސް
- 2 ޖޯޑު ކިރު
- ރަހަލާ ވަރަށް ލޮނުކޮޅެއް
- ސޯސް (ޗިލީ، ހޮޓް ޕެޕާ)
- 1/4 ޖޯޑު ފިޔާ (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ އަވަން 175 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލާށެވެ. ތައްޔާރުކުރަން ފެށުމުގެކުރިން ޓްރޭގައި ކުޑަ ބަޓަރުކޮޅެއް ހާކާލާ ގްރީސްކޮށްލަން ވާނެ އެވެ. ދެން ޕާން ފޮތިތައް ޓްރޭގައި އަތުރާލުމަށްފަހު އޭގެ މައްޗަށް ކުކުޅުމަސްކޮޅު އަޅާލާށެވެ. ދެން އޭގެ މައްޗަށް ޗީޒްކޮޅު އަޅާލުމަށްފަހު އަނެއްކާވެސް އޭގެ މައްޗަށް ކުކުޅު ކޮޅާއި ޗީޒްކޮޅެއް އަޅާލައި އެކަން ތަކުރާރު ކޮށްލާށެވެ.

ބިހާއި ކިރު، ލޮނު އަދި ސޯހާއި ފިޔާކޮޅު ރަނގަޅަށް އެއްކޮށްލުމަށްފަހު ޕާންފޮތީގެ މައްޗަށް އަޅާލާށެވެ. ދެން އަވަނުގައި ގަޑިއެއްހާއިރު ވަންދެން ފިހެލާށެވެ. ތައްޔާރުވީ އެވެ. ސިއްހަތަށް ފައިދާހުރި ރަނގަޅު ބްރޭކްފާސްޓްއަކަށް ވާނެ އެވެ.