އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނައިގައި އޮތް އީގަލްސް މިރޭ ބީޖީއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމުން އެއް ވަނައިގައި އޮތް މާޒިޔާއާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
މެޗް އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު އީގަލްސް އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް މާޒިޔާއަށް ލިބިފައިވަނީ 31 ޕޮއިންޓެވެ. އަދި މިއަދު ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗް މޮޅުވުމުން ޕޮއިންޓްގެ ގޮތުން އީގަލްސްއާ އަރާހަމަކުރި ޓީސީއާ ދެމެދު މިހާރު އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ. ޓީސީއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.
މެޗްގައި އީގަލްސްއިން އެންމެ ރަނގަޅު ފުރސަތެއް ލިބުނީ މެސަޑޯނިއާގެ ފޯވަޑް ރިސްޓޭ ނައުމޯވްއަށެވެ. އެގޮތުން މެޗްގެ 73 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލަން އުޅުމުން، އެ ބޯޅަ ހޯދަން އެރި ބީޖީގެ ކުޅުންތެރިޔާގެ ފައިގައި ޖެހިފައި އެ ބޯޅަ ދިޔައީ ކޯނަރަކަށް ބޭރަށެވެ. ފުރަތަމަ ހާފުގައިވެސް އޭނާ އަށް ވަނީ ބައެއް ފުރުސަތު ލިބިގެން ގޮސްފައެވެ.
ދެ ވަނަ ހާފުގައި ބީޖީގެ ހަމަލާތައް ފެނުނީ ތަންކޮޅެއް ނުރައްކާ ކޮށެވެ. އެގޮތުން ފުރަތަމަ ހާފުގައިވެސް ދެ ފުރުސަތެއް ލިބުނު އިބްރާހިމް ޝިޔާމް (ދޮނާ) އަށް ފަހު ހާފު ފެށުނު ތަނުން ލިބުނު ފުރުސަތު އޭނާ ފޮނުވާލި ނަމަވެސް އީގަލްސްގެ ލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.
މެޗްގެ 72 ވަނަ މިނެޓްގައި ބީޖީގެ ކިންގްސްލީ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެފައި ފޮނުވާލި ހަމަލާ ދިޔައީ އީގަލްސްގެ ގޯލް ދަނޑި މަތިން ބޭރަށެވެ.
މެޗްގެ ފުރިހަމަ ވަގުތު ނިމެން ފަސް މިނެޓަކަށް ވެފައި ވަނިކޮށް ބީޖީގެ ޕެނަލްޓީ އޭރިއާގެ ބޭރުން އީގަލްސް އަށް ލިބުނު ހިލޭ ޖެހުން ހިތްގައިމު ގޮތަކަށް ރިޒުވާން ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.
މިރޭގެ މެޗަށް ފަހުވެސް، ދެ ޓީމުގެ ކޯޗުން މެޗާ ބެހޭގޮތުން ދެކޭ ގޮތް ހާމަ ކުރުމަށް ބާއްވަން ޖެހޭ ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސް ބާއްވާފައެއް ނުވެއެވެ.
ލީގްގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ނިއުރޭޑިއަންޓާ މާޒިޔާއެވެ. އެ މެޗުން މޮޅުވެއްޖެނަމަ މާޒިޔާއަށް ތާވަލުގެ އެއް ވަނައިގައި މާޒިޔާއަށް ހަ ޕޮއިންޓްގެ ފަރަގެއް ލިބޭނެއެވެ.