އެމެރިކާގެ ނުފޫޒާއި ބާރު ދުނިޔޭގެ އެހެން ގައުމުތަކުގެ މައްޗަށް އޮތް މިންވަރަކީ އެއްވެސް މީހަކަށް އޮޅޭނެ ކަމެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް ސާފު ވާނީ ބައެއް އެހެން ގައުމުތަކުގައި އެމެރިކާގެ މަދަދާއެކު ގާއިމުކޮށްފައިވާ ވެރިކަމުގެ ނިޒާމުންނެވެ.
ނަމަވެސް ފާއިތުވެދިޔަ މާޒީއަށް ބަލައިފިނަމަ، އެމެރިކާއިން އެތަނެއްގައި ގާއިމް ކުރި ޑިމޮކްރަސީ އެއްވެސް ގައުމެއްގައި ފައްކާވެ ހެދި ބޮޑުވެފައެއް ނުވެ އެވެ. އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓި، ދާހިލީ ހަނގުރާމައަކަށް ބަދަލުވެފަ އެވެ.
އެމެރިކާގައި އެންމެ ފަހުގެ ތިން ދައުރުގައި އެމެރިކާ ބޭނުންވާ ނިޒާމުތައް ދުނިޔޭގެ ގައުމުތަކުގައި އެކަށައެޅުމަށް ހާއްސަ އިސްކަމެއް ދީފައިވެއެވެ. ކުރިގެ ރައީސް ބިލް ކްލިންޓަންގެ ދައުރުގައި އެމެރިކާ ބޭނުންވާ ގޮތަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ކަންކަން ބައްޓަން ކުރުމަށް އިސްކަން ދެއްވީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ދައުރު ފުޅާ ކުރެއްވުމުގެ ގޮތުންނެވެ. ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އެމަސައްކަތް ކުރެއްވީ "ފްރީޑޮމް އެޖެންޑާ"ގެ ދަށުންނެވެ. މިހާރުގެ ރައީސް ބަރަކު އޮބާމާ އެކަން ކުރެއްވަމުން ގެންދަވަނީ "ސުލްހަ ގާއިމު" ކުރުމުގެ ނަމުގަ ޔޯލައެވެ.
ބިލް ކްލިންޓަންގެ ޑިޕްލޮމަސީ ފެނިގެންދިޔައީ އަރަބި ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ގާއިމު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭނާ ފާހަގަ ކުރެވުނީ އަރަބި ލީޑަރުންގެ ކޮނޑުފުޅައް އަތްޕުޅު ލައްވައިގެން ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. ފަލަސްތީނު ކުރީގެ ރައީސް ޔާސިރު އަރަފާތާއި އުރުދުންނާއި މިސްރުގެ ލިޑަރުން އެއްކުރައްވައި ފަލަސްތީނުގެ ދައުލަތް ގާއިމު ކުރުމަށް ބާރު އެޅުއްވުމުގެ ގޮތުން، ފަލަސްތީނުގައި އޮތް ޔާސިރުގެ ރިޔާސަތު ހަނި ކުރެއްވި އެވެ. އެއަށްފަހު ބަރުލަމާނީ ނިޒާމެއް ގެންނަވައި ބޮޑުވަޒީރެއް ގެންނެވުމަށް ބާރު އެޅުއްވި އެވެ. މިހުރިހާ ކަމެއް ކުރެއްވީ، "ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި އަލުން އުފެއްދުމުގެ މަސައްކަތް ހަލުވި ކުރެއްވުމުގެ" ނަމުގަ އެވެ.
ނަމަވެސް އެމެރިކާ އަމިއްލަ އަތުން ފަލަސްތީނަށް ގެނައި ޑިމޮކްރަސީ ފުނޑު ފުނޑު ކުރީ އެމީހުންގެ އަމިއްލަ އަތުން، އެމެރިކާގެ މަދަދުގަ އެވެ. ބިލް ކްލިންޓަންގެ ދައުރުގައި ފަލަސްތީނުގައި ފެއްޓެވި ޑިމޮކްރަސީގެ ގަހުން އެމެރިކާ އިން ހީކުރި ގޮތަށް އެ ގައުމުގެ ކަންކަން ނުދިޔަ އެވެ. ފަލަސްތީނުގައި 2006 ވަނަ އަހަރު، ބޭއްވި އާންމު އިންތިހާބު ބޮޑު އަގްލަބިއްޔަތަކުން ހަމާސް ކާމިޔާބު ކުރުމުން، އެމެރިކާގެ އަމިއްލަ އަތުން ބިނާ ކުރި ޑިމޮކްރަސީ، ފަލަސްތީނުގެ ބިމުގައި ވަޅުލީ އެވެ. މިއީ، ރީތިކޮށް ހިނގަމުން އައި ޑިމޮކްރަސީއެއް އެމެރިކާއިން ބޭނުން ގޮތްނުވުމުން ފުޑާލުމުގެ ވަރަށް ރީތި މިސާލެކެވެ.
ގަރުނުގެ ކުރީ ކޮޅު، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، 11 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ، އަފުގާނިސްތާނަށް އަރައި، އެގައުމު އެއްކޮށް ސުންނާފަތިކޮށްލި އެވެ. އަފުގާނިސްތާން އާބާދު ކުރުމަށް އެމެރިކާއިން ހަވާލު ކުރީ ހާމިދު ކަރުޒާއީ އާއެވެ. އޭނާގެ އިންތިގާލީ ދައުރަށް ފަހު އާ ދައުރަކަށް އިންތިހާބުވެ، އެ ދައުރު ނިމި އާ އިންތިހާބެއް ބާއްވައި މިހާރު ހިނގަމުންދާ ދައުރުގައިވެސް، އަފުގާނިސްތާންގެ މައްސަލަ ފިނި ވެއްޖެ ކަމަށް ޑިޕްލޮމެޓުން ގަބޫލެއް ނުކުރައްވަ އެވެ. އަފްގާނިސްތާން ވެފައި މި އޮތީ ހަމަ ޔަގީނުން ވެސް ޓެރަރިސްޓުންގެ ހާއްޔަކަށެވެ. އެ ގައުމަށް ހަމަޖެހުމެއް ނެތެވެ. ފެންނަނީ ވީރާނާކަމެވެ.
ނިއުކްލިއަ އަދި ބައިލޮޖިކަލް ހަތިޔާރު ހުރިކަމަށް ބުނެ، 2003 ވަނަ އަހަރު އިރާގަށް އަރައި އިރާގް ސުންނާފަތިކޮށް އިރާގްގައި އޮތް ގަދީމީ ތާރީހް ފުނޑުފުނޑުކޮށް، ސައްދާމް ހުސެއިން ވެރިކަމުން އެއްލައިލާ އޭނާ ދަންވެސް ޖެއްސި އެވެ. އެއަށްފަހު ބަރުލަމާނީ ނިޒާމެއް ގެނެސް އިރާގް ހަވާލު ކުރީ ވަފާތެރި ނޫރީ އަލް މާލިކީ އަށެވެ. އިރާގް ހަނގުރާމަ ނިމުނު ކަމަށް އިއުލާންކޮށް އިރާގުން އެމެރިކާގެ އަސްކަރިއްޔާގެ ދެބައި ކުޅަ އެއްބައި ސިފައިން ބާލައިގެން ދެންދިޔައިރުވެސް، އެމެރިކާއިން ގެނައި ޑިމޮކްރަސީން އިރާގް ފައްކަލެއް ނުވިއެވެ. މަސްރަހުވީ ހައްތާ ގޯހެެވެ. ދެން އުފެދިގެން އައީ، މުޅި އެމެރިކާއަށް ވެސް މިހާރު ބިރަކަށް ވެފައި އޮތް، ނުރައްކާތެރި އިސްލާމިކް ސްޓޭޓް، އައިސްއެވެ.
ބުޝްގެ ދައުރަށްފަހު އޮބާމާގެ ދައުރުގައި އެމެރިކާގެ ނުފޫޒު އެންމެ ބޮޑަށް ފޯރުވި ދެ ތަނަކީ ޔަމަނާއި ލީބިޔާ އެވެ. ޔަމަންގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނިކުތުމުން، އެމެރިކާއިން ޔަމަންގެ މަސްރަހު "ސުލްހަ ކުރުމުގެ" ނަމުގައި ވަދެ އެމެރިކާ ބޭނުންވި ގޮތަށް ޔަމަންގެ ވެރިކަމުގެ ބާރުތައް ބަދަލުވެގެން ދިޔަ އެވެ. ޔަމަންގެ މަސްރަހަކީ މިހާރު ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު މައްސަލައެވެ. އެމެރިކާއިން ޔަމަނަށް ގެނައި ޑިމޮކްރަސީއަކުން، ޔަމަނަށް ހައްލެއް ނުލިބުނެވެ. މަސްރަހުވީ ގޯހެވެ.
ލީބިޔާވެސް އޮތީ އެފަދަ ހާލެއްގައެވެ. އދ އާއި އެމެރިކާ ވެގެން ލީބިޔާގައި ގާއިމު ކުރި ސަރުކާރަށް، ރައްޔިތުންގެ އިތުބާރު ނެތްކަން ދަނީ ހާމަވަމުންނެވެ. ގައްޒާފީގެ ދުވަސް ވަރުގައި، އުތުރު އެފްރިކާގެ ވަރުގަދަ އިގްތިސޯދީ ބާރެއްގެ ގޮތުގައި އޮތް ލީބިޔާގެ މަސްރަހަށް އެމެރިކާއަށް ގެނެވުނު ފިނިކަމެއް ނެތެވެ. އިސްލާމިކް ސްޓޭޓް ނުވަތަ ދާއިޝްގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގުރޫޕް ގެ ބާރު ލީބިޔާގެ ސަރަހައްދުތަކުގައި ދަނީ ގަދަވަމުންނެވެ. ލީބިޔާގެ މަސްރަހަށް ލިބުނު ފަރުވާއެއް ނެތެވެ. އެކަމަކު ބޮޑު އަނިޔާވެރިވެރިއެއްގެ ގޮތުގައި ލޭބަލް ކުރި ގައްޒާފީ ވެސް މަރާލީ އެވެ. ގައްޒާފީ އަށާއި ސައްދާމްއަށް މަރުގެ އަދަބު ދިނީ އެމެރިކާގެ ފުރިހަމަ މަދަދު ލިބިގެންނެވެ.
ސީރިއާގައިވެސް މި ފެންނަނީ ހަމަ އެ މަންޒަރެވެ. ހުދުމުހުތާރު ވެރިއެއް ބޭލުމުގެ ނަމުގައި އެމެރިކާއިން ސީރިއާގެ އެތައް ހަނގުރާމަވެރިންނަކަށް އަންނަނީ މާލީ ގޮތުންނާއި ފަންނީ ގޮތުން ވެސް އެހީވަމުންނެވެ. ނަތީޖާ އަކީ އެގައުމުގައި މަރުވާ އާންމުން އިތުރުވެ، އަނިޔާވެރިކަމާއި ހައްދު ފަހަނައެޅި ޖަމާއަތްތަކުގެ ބާރު ގަދަވުމެވެ. އެކަމާ ހުރެ އިތުރުވަމުން އަންނަ ރެފިއުޖީންއަށް އެހީވުމަށް ވެސް އެމެރިކާ އޮތީ ނުކުޅެދިފަ އެވެ.
ދެން އޮތީ އެމެރިކާއިން ގެންނަ ޑިމޮކްރަސީ ގައުތަކުގައި ފައްކާ ނުވާ ސަބަބެވެ. އެމެރިކާގެ ހާވާޑް ޔުނިވަސިޓީގެ އިންޓަނޭޝަލް ރިލޭޝަންގެ ޕްރޮފެސަރެއް ކަމަށްވާ ސްޓެފަން އެމް ވެލްޓް ވިދާޅުވަނީ އެންމެ ފުރަތަމަ ސަބަބަކީ ކަންކަން ހައްލު ކުރުމުގައި އެމެރިކާއިން ގެނގުޅޭ ހަރުކަށި ގޮތްގަނޑެވެ. އިރާގާއި އަފުގާނިސްތާނަށް އެމެރިކާ ޑިމޮކްރަސީ ގެނައީ، އެމެރިކާގެ އަސްކަރިއްޔާގެ ގަދަ ބާރު ބޭނުން ކޮށްގެން ކަން އެމް ވެލްޓް ފާހަގަ ކުރައްވައެވެ. އަނެއްހެން ބުނާނަމަ، އެމެރިކާއިން ގައުމުތަކަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި އެ ގައުމުތަކަށް ވެރިވެގަންނަނީ، ބަޑިއާއި ބޮމުގެ ބާރުގައި ބިރުދެއްކުމުގެ އުކުޅުތަކެއްގެ ތެރެއިންނެވެ.
އޭނާ ވިދާޅުވާ ދެ ވަނަ ސަބަބަކީ އެމެރިކާ ނަމޫނާއަކަށް ނުވުމެވެ. ކަޅު މީހުންނަށާއި މުސްލިމުންނަށް އެމެރިކާގެ އޮންނަ ތަފާތު ކުރުންތައް އެންމެނަށްވެސް އެނގެއެވެ. ހަމަހަމަ ކަމާއި ޑިމްކޮރަސީއަށް ގޮވާލާއިރު، އެމެރިކާގެ މުޖުތަމުގައި އެކަން ތަންފީޒު ނުކުރޭވޭކަން ފާހަގަ ކުރެވެ އެވެ. ކަޅު މީހުންނާ މެދު އެމެރިކާގެ ފުލުހުން އަމަލު ކުރާ ގޮތާއި ނުފޫޒު ގަދަ މަދު ބައެއްގެ އަތުގައި އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ބާރުތައް އޮތުމަކީ ވެސް ހަމަ މައްސަލައެކެވެ.
އަނެއް ކަމަކީ އެމެރިކާގެ ދުޝްމަނުންގިނަވުމެވެ. މީގެ އިތުރުން ވަކި ގައުމެއް ހިމާޔަތް ކުރުމުގައި އެމެރިކާ ހުންނަ ފޯރިއެވެ. އިސްރާއީލް ދިފާއު ކުރުމުގައި އެމެރިކާއިން ބައިނަލްއަގްވާމީ ހަމަތައް ނަގާލުމަކީ ދުނިޔޭގެ ގައުމުތަކުން ބަލައިގަންނަ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން އެމެރިކާއަށް ދުނިޔޭގެ ގައުމުތަކުގެ ނުރުހުން އިންތިހާއަށް ލިބުމެވެ. މިއަދު ދުނިޔޭގެ ވޯލްޑް އޯޑާ ހިންގަން އެމެރިކާ އޮތް އިރު އެ ގައުމުން، ގެންގުޅޭ ނަހަމަ އުސޫލުތަކާއި ދޭދޭ ގައުމު ތަކުގެ މެދުގައި ގެންގުޅޭ ތަފާތު ކުރުން އިންތިހާއަށް ބޮޑެވެ. އެމެރިކާ އަކީ ޑިމޮކްރަސީގެ ނަމުގައި، ގައުމުތަކަށް ވެރިވެ ގަނެ، ރައްޔިތުންނަށް އަނިޔާވެރިވާ ބައެއްގެ ގޮތުގައި މި ވަނީ ލޭބަލްވެފަ އެވެ.