ރާއްޖެ ކުޅިވަރު

ނިއު ބަލިކޮށް މާޒިޔާއަށް ތާވަލުގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއް

Aug 26, 2016

ނިއުރޭޑިއަންޓްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ ހަ ޕޮއިންޓަށް ލީޑް ފުޅާކޮށްފިއެވެ.

މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު މާޒިޔާ ތާވަލުގެ އެއްވަނައިގައި އޮތީ 34 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.

ދެ ލަނޑުވެސް މެޗްގެ ދެ ވަނަ ހާފުގައި ފެނިގެން ދިޔައިރު ނިއުރޭޑިއަންޓުން ވަނީ މާޒިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅުނީ ނިއުއިންނެވެ.

މާޒިޔާގެ ފުރަތަމަ ލަނޑަކީ މެޗްގެ 66 ވަނަ މިނެޓްގައި އުމޭރު ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ނިއުރޭޑިއަންޓްގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅުނީ ނިއު އިންނެވެ. ނަމަވެސް މެޗްގައި ގެނައި ބަދަލުތަކުން މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް ނުރައްކާކޮށްފައެވެ. އެގޮތުން އަހްމަދު ނާޝިދު (ނާއްޓޭ) އާއި އިސްމާއިލް އީސާ (މެސީ) ކުޅެން ނިކުމެ މާޒިޔާގެ ހަމަލާތައް އިތުރަށް ވަރުގަދަވެގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.

މާޒިޔާގެ ދެ ވަނަ ލަނޑަކީ 86 ވަނަ މިނެޓްގައި އަލީ އަޝްފާގް (ދަގަނޑޭ) ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ގޯލް ކުރިމަތީގައި ހުރެފައި ނާއްޓޭ ބޮލުން ފޮނުވާލި ބޯޅައެކެވެ.

އޭގެ އެއް މިނެޓް ފަހުން ނާއްޓޭ އަށް ލިބުނު ބޯޅާއެއްގައި ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ނިއުރޭޑިއަންޓްގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި އެޓީމުގެ ގޯލާ ދިމާލަށް ދިޔަ ބޯޅަ ގޯލް ތެރެއަށް ވަދެވަދެ އޮތްވބައި ނިއުގެ ކީޕަރު ޖަޕާނުގެ ޖޫން ކޮޗީ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާއެވެ.