ބޮލީވުޑް

"ތްރީ އިޑިއަޓްސް" ގެ ދެވަނަ ބަޔާއެކު ރާޖް ކުމާރު އާއި އާމިރް އަންނަނީ

Aug 27, 2016

މީގެ ހަ އަހަރުކުރިން 2009 ވަނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "3 އިޑިއަޓްސް" އަކީ މިހާތަނަށް ނިކުތް އެންމެ ކާމިޔާބު ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ހިމެނޭ އެއް ފިލްމެވެ.

ސުޕަސްޓާ އާމިރް ޚާން، ޝަރްމަން ޖޯޝީ، އާރް މާދަވަމް އާއި ކަރީނާ ކަޕޫރު އަދި ބޮމަން އިރާނީ މުހިންމު ރޯލުތަކުން ފެނިގެން ގޮސްްފައިވާ މިފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ހިޔާލު ރާޖް ކުމާރު އަންނަނީ ގެންގުޅެމުންނެވެ.

މިފަހުން ނޫހަކަށް ދިން އިންޓަވިއުއްގައި ރާޖް ކުމާރު ކުރެން "ޕީކޭ" އަށްފަހު އާމިރް އާއެކު މަސައްކަތްކުރުމުގެ ވިސްނުމެއް ގެންގުޅޭތޯ ސުވާލުކުރުމުން ވަނީ އާމިރް އާއެކު މަސައްކަތްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާ މިހާތަނަށް މަސައްކަތްކުރި ތަރިންގެ ތެރެއިން ފިލްމަށް ހުރިހާ ވަގުތެއް ދީގެން އެކަމާ ގަޔާވެގެންކުރާ ތަރިއަކީ އާމިރް ކަމަށް ބުނެފަ އެވެ.

އާމިރް އާއެކު އަލުން މަސައްކަތްކުރަން ބޭނުންވާ ކަމަށް ބުނަމުން ރާޖް ކުމާރު ވަނީ " 3 އިޑިއަޓްސް 2" އުފެއްދުމަށް އޭނާ އާއި އަބިޖާތް ޖޯޝީ އެފިލްމަށް ވާހަކައެއްގެ ހިޔާލު ގެންގުޅެމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި މިފިލްމުގެ ވާހަކަ ލިޔެ ނުނިމުނު ކަމުގައި ވީނަމަވެސް ރާޖް ކުމާރު ވަނީ އެވާހަކަ އާމިރްއާ ހިއްސާކޮށްފަ އެވެ.

"ފިލްމުގެ ވާހަކަ އާމިރަށް ވަރަށް ކަމުދިޔަ. އޭނާ ހުރީ މިފިލްމަށް ވަގުތު ދެވޭނަމަ ފިލްމު ކުޅޭ ގޮތަށް. އާމިރަށް ވަގުތުވުމުން މިފިލްމު އުފައްދާނަން" ރާޖް ކުމާރު ބުނެފައިވެ އެވެ.

"3 އިޑިއަޓްސް" ގެ މުހިންމު ރޯލުން ފެނިގެން ގޮސްފައިވާ ޝަރްމަން އާއި މާދަވަން މީގެކުރިން ވަނީ މިސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދާނަމަ އެފިލްމު ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

މިހާރު ރާޖް ކުމާރު އަންނަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އޭނާ އުފައްދާ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްކުރަމުންނެވެ.