ރާއްޖެ ކުޅިވަރު

ޓޮސް ކޮށްގެން ފައިނަލަށް ދިޔަ ޓީމު ކަނޑައެޅި މައްސަލަ އެފްއޭއެމަށް

Aug 29, 2016
3

މިނިވަން ޗެމްޕިއަންޝިޕް ފ. އަތޮޅު މުބާރާތުގެ ފައިނަލަށް ދިޔަ ޓީމު ޓޮސްކޮށްގެން ހޮވި މައްސަލަ އެއަތޮޅު މަގޫދޫ ޓީމުން އެފްއޭއެމަށް ހުށަހަޅައިފި އެވެ.

ފައިނަލަށްދާނެ ޓީމެއް ހޮވަން ޓޮސްކުރީ ހުކުރު ދުވަހު ނިލަންދޫ އާއި ދަރަނބޫދޫ ކުޅުނު މެޗު 1-1އިން އެއްވަރުވުމުން މަގޫދޫ އާއި ދަރަނބޫދޫ ޓީމު ޕޮއިންޓްގެ ގޮތުންނާއި ގޯލުގެ ގޮތުން އެއްވަރުވުމުންނެވެ.

އެފްއޭމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލަށް މަގޫދޫ ކައުންސިލްގެ އިދާރާގެ ލެޓަހެޑުގައި ޓީމުގެ މެނޭޖަރު އަހުމަދު ފަޒީލް ހަސަން ފޮނުވާފައި ސިޓީގައި ބުނެފައިވަނީ މުބާރާތުގެ ގަވާއިދުގެ 10.3ގައިވަނީ ހުރިހާ ގޮތަކުން ދެ ޓީމެއް އެއްވަރުވެއްޖެނަމަ މޮޅުވާ ޓީމު ކަނޑައަޅާނީ ގުރުލައިގެން ކަމަށެވެ.

"ޓޮސް ލުމާއި ގުރުއަތުލުމުގައި ވަރަށް ބޮޑު ތަފާތެއް އެކުލެވޭހިނދު ޓޮސްލާމީހާ އަށް ބޭނުންގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވޭހިނދު މި މުބާރާތުގެ ގަވާއިދުގައި ބުނާގޮތުގެ މަތީން ގުރުއަތެއްލުމަށް އަޅުގަނޑުމެން ޓީމުގެ ފަރާތުން އެދެމެވެ،" ހޮނިހިރު ދުވަހު މަގޫދޫ ކައުންސިލުން ފޮނުވި ސިޓީގައިވެ އެވެ.

މި ސިޓީ ނިންމާލަމުން ބުނެފައިވަނީ މުބާރާތުގެ ގަވާއިދު މުގުރާލާ ބަޔަކީ އެފްއޭއެމް ކަމަށް ނުވާނެ ކަމަށް ވެސް އެ ޓީމުން ގަބޫލލުކުރާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެފްއޭއެމުގެ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.