މިއީ ކޮން ގައުމެއްގައި ހިންގާފައިވާ ލާއިންސާނީ އަމަލެއްކަން ދެނެގަތުމަށް މި ދުވަސްކޮޅު ވަރަށް ފަސޭހަވާނެ އެވެ. -- މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމުގައި ހައްދުފަހަނަޅައި ގޮސްފައިވާ ފްރާންސްގަ އެވެ.
އަނެއްކާވެސް މައްސަލަ ހޫނުވީ އެވެ. -- ފްރާންސްގެ ވެރިރަށް ޕެރިހުގެ ޑިސްޓްރިކްޓެއްގައި ރެސްޓޯރެންޓަކަށް ކާން ދިޔަ މުސްލިމު ދެ އަންހެނަކަށް ސާވްކުރަން އެތަނުގެ ވެރިން ދެކޮޅުހަދައި މި ދެ މީހުން ތަނުން ބޭރުކޮށްލުމުންނެވެ.
ދެ އަންހެނުން ރެސްޓޯރެންޓުން ބޭރުކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ފްރާންސްގެ އާންމުންގެ ފާޑުކިޔުން އެ ރެސްޓޯރެންޓުގެ ވެރިޔާ އަށް އަމާޒުވެ، އެތަނުގެ ބޭރުގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އެއަށް ފަހު ރެސްޓޯރެންޓްގެ ވެރިޔާ ވަނީ މައާފަށް އެދިފަ އެވެ.
އޭނާ ބުނެފައި ވަނީ އެގޮތަށް އަމަލުކުރެވުނީ ފްރާންސްގައި މި ދުވަސްވަރު ބުރުގާ އާއި މުސްލިމުންނާ ދެކޮޅަށް ފެތުރިފައި އޮތް ދެކޮޅުވެރިކަމުގެ ޖަޒުބާތުގައި ޖެހުމުންނާއި މުސްލިމު ހަނގުރާމަވެރިންގެ ބަޔަކު އިސް ނަގައިގެން މިދިޔަ ނޮވެމްބަރު މަހު ފްރާންސްގައި ދިން ހަމަލާއެއްގައި އެކުވެރިޔަކު ވެސް މަރުވެފައިވާތީ ކަމަށެވެ.
ރެސްޓޯރެންޓުން މުސްލިމު ދެ އަންހެނުން ފައްސާލި މައްސަލަ ހޫނުވެގެން އެ މައްސަލަގަނޑުގެ ތެރެއަށް ފްރާންސްގެ ފުލުހުން ވެސް ވަދެފައިވެ އެވެ. ނަމަވެސް އެ މައްސަލައިގެ ރަސްމީ ބަހެއް އާންމުކޮށްފައެއް ނުވެ އެވެ.
ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު މުސްލިމުންނާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާ ގައުމަކީ ފްރާންސެވެ. އެގޮތުން އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މުސްލިމުންނަށް އެންމެ ފުރަތަމަ މަނާކުރި ޔޫރަޕްގެ ގައުމަކީ ވެސް ފްރާންސެވެ. އެއީ 2010 ވަނަ އަހަރު އެވެ.
އެއަށް ފަހު ސްކޫލްތަކާއި ކޮލެޖުތަކުގައި ވެސް ބުރުގާ އެޅުން ފްރާންސްގައި ވަނީ މަނާކޮށްފަ އެވެ.
ހެދުން އެޅުން މިފަދަ ގޮތަކަށް ކޮންޓްރޯލް ކުރެވޭނެ ވާހަކަ ފްރާންސްގެ ގާނޫނު އަސާސީގައި އެއްވެސް ގޮތަކަށް ބަޔާންކޮށްފައެއް ނުވެ އެވެ. މި ސަބަބާ ގުޅިގެން، މިފަހުން އެގައުމުގައި މުސްލިމުންނަށް ހާއްސަ "މޫދު ހެދުން" ބްރްކީނީ" މަނާކުރުމުން އެގައުމުގެ އެންމެ މަތީ ކޯޓުން ވަނީ އެއީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅައިފަ އެވެ. --ބީބީސީ